އައްޑޫ މީދޫ ޓާފް ދަނޑު ހުޅުވައިފި އެވެ.
ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ ދަނޑު ހުޅުވައި ދެއްވީ މީދޫ ދާއިރާގެ މަޖިލިސް މެމްބަރު ރޮޒައިނާ އާދަމް (ރޮޒޭ) އެވެ. އެ ރަސްމިއްޔާތުގައި މީދު އާއި ހުޅުދޫގެ ކައުންސިލަރުންނާއި އަވަށު އޮފީސްތަކުގެ މުވައްޒަފުންނާއި ގިނަ އަދަދެއްގެ ޒުވާނުން ވެސް ބައިވެރިވި އެވެ.

މީދޫ ކައުންސިލަރު އައިމަނިތު ސާލިހާ ވިދާޅުވީ "ފިށިމަތި ޓާފް" ގެ ނަން ދީފައިވާ ޓާފް ދަނޑު ރޭ ހުޅުވައި ރޭ އެތަން އަވަށު އޮފީހާ ޔޫތު މިނިސްޓްރީގެ ފަރާތުން ހަވާލުކޮށްފައިވާ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި މި ދަނޑާ އެކީ އަވަށުގައި ފުޓްބޯޅަ ކުޅޭ ޒުވާނުންނަށް ބޮޑެތި ފަސޭހަތަކެއް ވާނެ އެވެ.

ދަނޑު ހުޅުވަން ބޭއްވި ރަސްމިއްޔާތުގައި ޝަރަފުވެރި މެހުމާން މެމްބަރުން ރޮޒޭގެ ފަރާތުން ޓީމަކާއި މީދޫ ކައުންސިލަރުގެ ފަރާތުން ޓީމެއް މެޗެއް ވެސް ކުޅުނެވެ. އެ މެޗް 6-4 ލަނޑުން ކާމިޔާބުކުރީ ކައުންސިލަރުގެ ޓީމެވެ.
އައްޑޫގެ ހުރިހާ އަވަށެއްގައި ވެސް މިހާރު ޓާފް ދަނޑުތަކެއް އެބަހުއްޓެވެ.