އަންނަ މަހު ރިލީޒްކުރަން ހަމަޖެހިފައިވާ ޝާހްރުކް ޚާންގެ ފިލްމު "ޕަތާން" ގެ ޓްރެއިލާގެ ކުރިން އެ ފިލްމުގެ ލަވައެއް މިއަދު އާންމުންނަށް ދޫކޮށްލައިފި އެވެ.
އަންނަ މަހުގެ 25 ގައި ސިނަމާތަކަށް ގެންނަން ހަމަޖެހިފައިވާ މި އެކްޝަން ތުރިލާގެ ލަވަތަކުގެ ތެރެއިން މިއަދު ދޫކޮށްލި ލަވަ އަކީ ޝާހްރުކާއި ދީޕިކާގެ ކެމިސްޓްރީގެ ޖާދޫ ވެސް ވަރަށް ބޮޑަށް ދައްކުވައިދޭ ވަރަށް ފޯރިގަދަ ލަވައެއް ކަމަށްވާ "ބޭޝަރަމް ރަންގް" އެވެ. ވިޝާލް-ޝޭކަރުގެ މިއުޒިކަށް ހަދާފައިވާ މި ލަވައިގެ އަޑުގެ ވެރިންނަނީ މިއުޒިކްގައި ވެސް ހިއްސާވި ވިޝާލް ދަދުލާނީ ޝޭކަރާއި އާއި ޝިލްޕާ ރާއޯގެ އިތުރުން ކެރަލީޒާ މޮންޓީރޯ އެވެ.
"ބޭޝަރަމް ރަންގް" ގެ ކޮރިއޯ ހެދީ ވައިބާވީ މާޗަންޓެވެ.
"ޕަތާން" އަކީ 2014 ގެ "ހެޕީ ނިއު އިޔާ" އަށް ފަހު ޝާހްރުކާއި ދީޕިކާގެ ޖޯޑު އެކީގައި ސްކްރީނަށް އަންނަ ފުރަތަމަ ފިލްމެވެ. ދީޕިކާ ބޮލީވުޑަށް ނުކުތީ ޝާހްރުކާ އެކީ ކުޅުނު 2007 ގެ "އޯމް ޝާންތީ އޯމް" އިންނެވެ. އޭގެ ފަހުން ދެ ތަރިން 2013 ގެ "ޗެންނައި އެކްސްޕްރެސް" ގައި ވެސް މަސައްކަތްކުރި އެވެ.
"ޕަތާން" އަކީ 2019 ގެ އެންމެ ކާމިޔާބު ބޮލީވުޑް ފިލްމު ކަމަށްވާ "ވޯ" ގެ ޑައިރެކްޓަރު ސިދާތު އާނަންދު، ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އަށް ހަދާފައިވާ ފިލްމެކެވެ. މީގެ ވިލަންގެ ރޯލުން ފެންނާނީ ޖޯން އަބްރަހެމެވެ.
އަށް ގައުމެއްގައި ޝޫޓްކޮށްފައިވާ "ޕަތާން" އަކީ 2018 ގެ ބޮޑު ފްލޮޕް "ޒީރޯ" އަށް ފަހު، ޝާހްރުކް ލީޑްގައި ސްކްރީނަށް އަންނަ ފުރަތަމަ ފިލްމެވެ. އެހެންވެ މި ފިލްމަށް އިންތިޒާކުރާ މީހުން ވަރަށް ގިނަ އެވެ. އަނެއްކޮޅުން "ޕަތާން" ގައި ޝާހްރުކް ފެންނާނީ ވެސް ވަރަށް ތަފާތު ލުކެއްގަ އެވެ.