Last Updated: June 9, 06:10
Tuesday, June 9, 2026
ޚަބަރު

ހޯސާ އެޕް: މަސް ކިރުވަން ކިއުގައި ޖެހުން ނިމުމަކަށް

ދިވެހި މަސްވެރިން މަސްވެރިކަމުގައި-- ފޮޓޯ: މުހައްމަދު އާޒިމް އަލީ

މަސްވެރިންނަށް މިހާރު ދިމާވާ ތަފާތު ގޮންޖެހުންތަކަށް ހައްލެއް ހޯދައި ދިނުމުގެ ގޮތުން "ހޯސާ" ނަމުގައި މިފްކޯއިން މޯބައިލް އެޕްލިކޭޝަނެއް ތަޢާރަފުކޮށްފި އެވެ.

މި އެޕް އިފުތިތާހު ކޮށްދެއްވީ ރޭ ގދ. ފަރެސްމާތޮޑާގައި ބޭއްވި މަސްވެރިންގެ ދުވަހުގެ ޖަލްސާގައި ފިޝަރީޒް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަނެވެ.

ޒަމާނީ ޓެކްނޮލޮޖީ މަސްވެރިކަމުގެ ސިނާޢަތައް ތަޢަރަފްކުރުމަށް ކުރެވޭ މަސައްކަތުގެ ދަށުން މިއީ ފުރަތަމަ ފިޔަވަޅު ކަމަށް މިފްކޯއިން ބުނެއެވެ. އެޕް އިފުތިތާޙު ކުރަމުން މިފްކޯ ސީއީއޯ އިސްމާޢިލް ފައުޒީ ވިދާޅުވީ މި އެޕް މިހާ ފުރިހަމަކޮށް ގެނެސްދެވުނީ މަސްވެރިންނާއި އޮޑިވެރިންނާއި ކަމާއި ގުޅޭ އެންމެންގެ ހިޔާލާއި މަޝްވަރާ ހިމެނިގެން ތައްޔާރު ކުރެވުމުން ކަމަށެވެ.

މި އެޕުން މަސްވެރިންނަށް ބޭނުންވާ ގިނަ ޙިދުމަތްތައް ފަސޭހަ ކަމާއި އެކު ލިބޭނެ އިންތިޒާމު ވަނީ ހަމަޖެހިފަ އެވެ. އެގޮތުން މަސް ކިރުވުމަށް ގޮސް ކިއުގައި ޖެހިގެން ގިނަ އިރު ތިބެން ޖެހުމުގެ މައްސަލައަށް އެޕް ހައްލެއް ލިިބޭނެ ކަމަށް މިފްކޯއިން ބުނެއެވެ. އެގޮތުން އެޕް މެދުވެރިކޮށް މަސް ކިރުވުމަށް ކިއުއަށް އޮންލައިންކޮށް ނަންބަރެއް ނެގޭނެ އެވެ.

މީގެ ކުރިން މަސް ކިރުވަން ބޭނުންވާ ދޯނިތަކުން ފަޅުތެރެއަށް ވަނުމުން ކިއު ނަމްބަރު ދޫކުރަނީ ޖެޓީންނެވެ. މިއާއެކު މަސް ކިރުވެންދެން ކިއުގައި ގިނަ އިރު މަޑުކުރަން ޖެހެ އެވެ.

މީގެ އިތުރުން މަސް ކިރާ ބޯޓުތައް ތިބި ސަރަހައްދުތަކާއި އަދި މަސް ކިރުވުމަށް ފަހު، ލިޔެފައި އޮންނަ ބިލެއްގެ ބަދަލުގައި މި އެޕް މެދުވެރިކޮށް ބިލް ޖެނެރޭޓް ކުރެވޭނެ އެވެ. އަދި މީގެ ކުރިން ފައިސާ ލިބިފައި ހުރި ބިލްތަކާ އެކު އެއް ތަނަކުން ބިލްތައް ބަލާލެވި އަދި މަސް ދޯނި ފަހަރުތަކުގައި ހަރަކާތްތެރިވާ ފަޅުވެރިން ވެސް މި އެޕް މެދުވެރިކޮށް ދެނެގަނެވޭނެ އެވެ.

މީގެ އިތުރުން އެޕްގެ ސަބަބުން ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ ދޯނިތަކަށް ހުށަހަޅަން ޖެހޭ ސެޓްފިކެޓްތައް އަޕްލޯޑު ކުރެވި، އަދި މަސް ބޭނޭ މިންވަރު ދައުލަތުގެ އިދާރާތަކަށް ލައިވް ޑޭޓާތަކުގެ ގޮތުގައި ބޭލޭނެ އިންތިޒާމު ހަމަޖެހިގެން ދާނެ އެވެ. މިއީ މަސްވެރިކަމުގެ ސިޔާސަތު ކަނޑައެޅުމަށް މުހިންމު ކަމެއް ކަމަށް މިފްކޯ އިން ބުންޏެވެ.

ދިވެހި ރާއްޖޭގެ 42 ވަނަ މަސްވެރިންގެ ދުވަހު އެޕްލިކޭޝަން ތައާރަފު ކުރެވިގެން ދިޔައިރު، މަސްވެރިކަމުގެ ސިނާޢަތް ކުރިއަރުވައި ތަރައްޤީ ކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތަކެއް ކުރަމުންނެނެވެ. މީގެ އިތުރުން މިފްކޯ އަކީ ފައިދާވާ ކުންފުންޏަކަށް ހެދުމަށް ސަރުކާރުން ވަނީ އަމާޒު ހިފައިފަ އެވެ.