މި އަހަރުގެ އެންމެ ކާމިޔާބު ފިލްމު ކަމަށްވާ "އާރްއާރްއާރް" ގެ ކާސްޓްގައި ހިމެނޭ މަޝްހޫރު ތެލެގޫ އެކްޓަރު ރާމް ޗަރަން އަށް ދަރިއަކު ލިބެން އުޅޭކަން އިއުލާންކޮށްފި އެވެ.
ޗަރަން، 37، އާއި އުޕަސާނާ ކަމިނޭނީ، 33، ކައިވެނިކުރީ 2012 ގަ އެވެ. ކައިވެންޏަށް 10 އަހަރު ފަހުން ދަރިއަކު ލިބެން އުޅޭކަން އިއުލާންކޮށް، އިންސްޓަގްރާމްގައި މިއަދު ބުނީ ވަރަށް ބޮޑު އުފަލެއް ލިބިފައިވާ ކަމަށެވެ. ބަތަލާ ޕްރިޔަންކާ ޗޯޕްޅާއާ އެކީ 2013 ގެ "ޒަންޖީރު" ވެސް ކުޅުނު ޗަރަން އަކީ މަޝްހޫރު ތެލެގޫ އެކްޓަރު ޗިރަންޖީވީގެ ދަރިއެކެވެ.
ކާމިޔާބު ފިލްމުތަކެއް ކުޅެފައިވާ އަދި ދެކުނު އެންމެ ޑިމާންޑް ބޮޑު އެކްޓަރުންގެ ތެރޭގައި ހިމެނޭ ޗަރަން މިހާރު އަންނަނީ
"އިންޑިއަން" އާއި "ރޮބޮޓް" އަދި އޭގެ ސީކްއެލް "2.0" ފަދަ ފިލްމުތައް ގެނެސްދިން ޑައިރެކްޓަރު ޝަންކަރްގެ ފިލްމެއްގެ މަސައްކަތްކުރަމުންނެވެ. އެ ފިލްމުގެ ބަތަލާ އަކީ ބޮލީވުޑްގެ ކިއާރާ އަދުވާނީ އެވެ.
އަންނަ އަހަރުގެ ފިތުރު އީދުގައި ރިލީޒްކުރާ ސަލްމާން ޚާންގެ "ކިސީ ކާ ބާއީ ކިސީ ކީ ޖާން" ގެ ހާއްސަ ފެނިލުމަކުން ވެސް ޗަރަން ފެންނާނެ އެވެ. އޭނަގެ ކެރިއަރުގެ އެންމެ ފާހަގަކޮށްލެވޭ ފިލްމުތަކުގެ ތެރޭގައި "އާރްއާރްއާރް" ގެ ޑައިރެކްޓަރު އެސްއެސް ރާޖަމޯލީގެ 2009 ގެ "މަގަދީރާ" ހިމެނެ އެވެ.