ފީފާ ވޯލްޑް ކަޕުން އިންގްލެންޑް ކެޓުމުން އެޓީމުގެ ކެޕްޓަން ހެރީ ކޭން ޗުއްޓީ ހޭދަކޮށްލަން މިއަދު ރާއްޖެ އަތުވެއްޖެ އެވެ.
ޗުއްޓީ ހޭދަކޮށްލުމަށް ކޭން ރާއްޖެ އައިސްފައިވަނީ ޕްރައިވެޓް ޖެޓަކުންނެވެ. ނަމަވެސް އޭނާ ޗުއްޓީ ހޭދަކުރަން ހަމަޖެހިފައިވާ ރިސޯޓެއް އެނގިފައެއް ނުވެ އެވެ.
ވޯލްޑް ކަޕުން އިންގްލެންޑް ކެޓީ ކުއާޓާފައިނަލްގައި ފްރާންސާއި ބައްދަލުކޮށް 2-1 އިން ބަލިވުމުންނެވެ. އެ މެޗުގައި އިންގްލެންޑްގެ ގޯލް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ކޭން ކަމަށްވާއިރު، އިންގްލެންޑަށް އެ މެޗުގައި އިތުރު ޕެނަލްޓީއެއް ވެސް ލިބިފައިވެ އެވެ. ނަމަވެސް ކޭން ފޮނުވާލި އެ ޕެނަލްޓީ ދިޔައީ ހުރަސް ދަނޑި މަތިން ބޭރަށެވެ.
އެ މެޗުގައި ކާމިޔާބުކުރި ގޯލާއެކު ކޭން މިހާރު ވަނީ އިންގްލެންޑްގެ ގައުމީ ޓީމަށް އެންމެ ގިނަ ގޯލްޖަހައިގެން ވޭން ރޫނީ ހަދާފައިވާ ރެކޯޑާ އަރާ ހަމަކޮށްފަ އެވެ. އެއީ 53 ގޯލެވެ.
ކޭން ވަނީ ކެޕްޓަނެއްގެ ހައިސިއްޔަތުން އިންގްލެންޑް މުބާރާތުން ކެޓުމުގެ ޒިންމާ ނަގާ ކަމަށް ބުނެފަ އެވެ.
މިއީ ވޯލްޑް ކަޕްގެ ކުއާޓާފައިނަލުން އިންގްލެންޑް ބަލިވި ހަތްވަނަ ފަހަރެވެ. އިންގްލެންޑަކީ ވޯލްޑް ކަޕްގެ ކުއާޓާފައިނަލުން އެންމެ ގިނައިން ބަލިވި ޓީމުވެސް މެ އެވެ.