Last Updated: July 16, 18:01
Thursday, July 16, 2026
ކުޅިވަރު

މެސީ ހުއްޓުވަން ކްރޮއޭޝިއާ ތައްޔާރު: މޮޑްރިޗް

އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ހުއްޓުވަން ކްރޮއޭޝިއާ އޮތީ ތައްޔާރަށް ކަމަށް އެޓީމުގެ މިޑްފީލްޑަރު ލޫކަ މޮޑްރިޗް ބުނެފި އެވެ.

ފީފާ ވޯލްޑް ކަޕްގެ ސެމީފައިނަލްގައި މިރޭ ކްރޮއޭޝިއާ އާއި އާޖެންޓީނާ ބައްދަލުކުރާއިރު މި މުބާރާތުގައި މިވަގުތު އެންމެ ރަނގަޅު ފޯމެއްގައި ހުރި އެއް ކުޅުންތެރިއަކީ މެސީ އެވެ. މެސީ ވަނީ މިފަހަރުގެ ވޯލްޑް ކަޕްގައި ކުޅުނު ފަސް މެޗުގައި ހަތަރު ގޯލް ކާމިޔާބުކޮށްފަ އެވެ.

މިރޭގެ މެޗުގެ ކުރިން ވާހަކަދައްކަމުން ކްރޮއޭޝިއާގެ ކެޕްޓަން މޮޑްރިޗް ބުނީ އާޖެންޓީނާ އަކީ މޮޅު ޓީމެއް ކަމަށާއި މެސީ އަކީ އެޓީމުގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާ ކަމަށެވެ. މެސީ ހުއްޓުވުމަކީ އުނދަގޫ ކަމަކަށްވީ ނަމަވެސް އެކަން ކުރަން ކްރޮއޭޝިއާ އޮތީ ތައްޔާރަށް ކަމަށް މޮޑްރިޗް ބުންޏެވެ.

"އަހަރަމެން މިރޭ މަސައްކަތް ކުރާނަން އެންމެ މޮޅު ކުޅުން ދެއްކޭތޯ. ފައިނަލަށް ދިޔުމަށް އެވަރު ފުދޭނެ ކަމަށް އުއްމީދު ކުރަން." މޮޑްރިޗް ބުންޏެވެ.

ކްރޮއޭޝިއާ އަކީ ވޯލްޑް ކަޕްގެ އެންމެފަހުގެ ރަނަރަޕުން ކަމަށްވާއިރު މިފަހަރުގެ މުބާރާތުގެ ސެމީއަށް އެޓީމު ދަތުރުކުރީ މުބާރާތުގެ ފެވަރިޓުންގެ ތެރޭގައި ހިމެނުނު ދެކުނު އެމެރިކާގެ ގަދަ ބާރު، ބްރެޒިލް ކަޓުވާލުމަށްފަހު އެވެ.

މޮޑްރިޗް ބުނީ މުބާރާތުގެ ފެވަރިޓުންގެ ގޮތުގައި ބައެއް ފަރާތްތަކުން ކްރޮއޭޝިއާ ނުދެކުމަކީ މައްސަލައެއް ނޫން ކަމަށާއި ބޮޑެތި ގައުމުތަކަށް ނިސްބަތްވާ ޓީމުތަކަށް އެންމެން ވެސް ބެލުމަކީ އާންމު ކަމެއް ކަމަށެވެ. އަދި އެއީ ކުޅުންތެރިންގެ އަތްމަތީގައި އޮތް ކަމެއް ނޫން ކަމަށާއި ކުޅުންތެރިންގެ އަތްމަތީގައި އޮތީ ދަނޑުމަތީގައި ރަނގަޅު ކުޅުމެއް ދެއްކުންކަން މޮޑްރިޗް ފާހަގަކުރި އެވެ.

އާޖެންޓީނާ އާއި ކްރޮއޭޝިއާ ބައްދަލުކުރާ މެޗު ފަށާނީ މިރޭ ރާއްޖެގަޑިން 12 ޖަހާއިރު އެވެ.