Last Updated: July 16, 18:01
Thursday, July 16, 2026
ކުޅިވަރު

މޮރޮކޯ ސަޕޯޓަރުންނަށް 30 ފްލައިޓް އަޅަނީ

ފީފާ ވޯލްޑް ކަޕްގެ ސެމީފައިނަލްގައި މާދަމާ ރޭ މޮރޮކޯ އިން ފްރާންސާއި ދެކޮޅަށް ކުޅޭ މެޗަށް ސަޕޯޓަރުން ގަތަރަށް ގެންދިޔުމަށް މޮރޮކޯގެ ގައުމީ އެއާލައިނުން އިތުރު 30 ފްލައިޓް އެޅުމަށް ނިންމައިފި އެވެ.

މޮރޮކޯ އަކީ މިފަހަރުގެ މުބާރާތުގައި އެންމެ ހައިރާންކުރަނިވި ނަތީޖާތައް ނެރެމުންދާ ޓީމެވެ. އެގޮތުން މުބާރާތުގެ ދެވަނަ ބުރުގައި އެޓީމުން ސްޕެއިން ބަލިކުރިއިރު ކުއާޓާފައިނަލްގައި އެޓީމުން ކުރި ހޯދީ ޕޯޗުގަލްގެ މައްޗަށެވެ. އަދި ގްރޫޕް ސްޓޭޖުގައި މޮރޮކޯ އިން ވަނީ ފީފާ ވޯލްޑް ރޭންކިންގެ ދެވަނައިގައި އޮތް ބެލްޖިއަމް ވެސް ބަލިކޮށްފަ އެވެ. މިއީ ވޯލްޑް ކަޕްގެ ސެމީފައިނަލްގައި މޮރޮކޯ ކުޅޭ ފުރަތަމަ ފަހަރުވެސް މެ އެވެ.

މޮރޮކޯ އިން މި މުބާރާތުގައި ހޯދަމުންދާ ކާމިޔާބީތަކުގައި އެޓީމުގެ ސަޕޯޓަރުން ބޮޑު ރޯލެއް އަދާކުރަމުންދާއިރު މޮރޮކޯގެ ގައުމީ އެއާލައިނުން ނެރުނު ބަޔާނެއްގައި ބުނީ ސެމީފައިނަލް މެޗާއި ދިމާކޮށް މިއަދާއި މާދަމާ މޮރޮކޯގެ ކަސަބްލާންކާ އާއި ގަތަރުގެ ވެރިރަށް ދޯހާއާ ދެމެދު 30 ފްލައިޓް އެޅުމަށް ނިންމާފައިވާ ކަމަށެވެ. މީގެއިން ކޮންމެ ފްލައިޓެއްގައި 200 މީހުންނަށް ދަތުރުކުރެވޭނެ އެވެ.

މިއީ ވޯލްޑް ކަޕްގައި މޮރޮކޯގެ 12 ވަނަ ކުޅުންތެރިއާގެ ދައުރު ސަޕޯޓަރުން އަދާކުރަމުންދާ ގޮތް ފާހަގަކުރުމާއި އަދި ވީހާވެސް ގިނަ ބަޔަކަށް ތާރީހީ ސެމީފައިނަލްގައި ގައުމީ ޓީމަށް ދަނޑުގައި ތިބެގެން ސަޕޯޓު ކުރުމަށް ފުރުސަތު ދިނުމުގެ ގޮތުން ކުރާ ކަމެއް ކަމަށް އެ ބަޔާނުގައިވެ އެވެ.

އެފްރިކާ އަށް ނިސްބަތްވާ މޮރޮކޯ އަކީ 99 އިންސައްތަ މުސްލިމް ގައުމަކަށްވާއިރު ގަތަރުގެ ގިނަ ރައްޔިތުން ވެސް ތިބީ މޮރޮކޯއާއެކު އެވެ. އަދި މުޅި އެފްރިކާ ބައްރާއި މުސްލިމް ގައުމުތަކުގެ ސަޕޯޓު ވެސް މި މުބާރާތުގައި މޮރޮކޯ އަށް ދަނީ އިންތިހާ އަށް ލިބެމުންނެވެ.