Last Updated: July 16, 18:01
Thursday, July 16, 2026
ކުޅިވަރު

ވޯލްޑް ކަޕް ހޯދާނެ ކަމަށް ބެލެވެނީ ފްރާންސް

ފީފާ ވޯލްޑް ކަޕް މިފަހަރު ކާމިޔާބު ކުރާނެ ކަމަށް ބެލެވެނީ ފްރާންސް ކަމަށް ބްރެޒިލްގެ ލެޖެންޑް، ރޮނާލްޑޯ ބުނެފި އެވެ.

ފްރާންސަކީ އެންމެފަހުގެ ދުނިޔޭގެ ޗެމްޕިއަނުން ކަމަށްވާއިރު މުބާރާތުގެ ސެމީފައިނަލްގައި އެޓީމު މާދަމާ ރޭ ނިކުންނާނީ މޮރޮކޯއާ ދެކޮޅަށެވެ. ފްރާންސް ސެމީން ޖާގަ ހޯދީ ކުއާޓާ ފައިނަލްގައި އިންގްލެންޑް 2-1 އިން ބަލިކުރުމަށް ފަހު އެވެ.

ރޮނާލްޑޯ ބުނީ މުބާރާތް ފެށުމުގެ ކުރިން އޭނާ ލަފާކުރީ ބްރެޒިލް އާއި ފްރާންސް ފައިނަލްގައި ބައްދަލުކުރާނެ ކަމަށް ކަމަށާއި ނަމަވެސް ބްރެޒިލް މިހާރު ކަޓާފައިވާ ކަމަށެވެ. އަދި މެޗަކަށް ފަހު މެޗެއްގައި މުބާރާތުގެ ފެވަރިޓުންގެ ގޮތުގައި ފްރާންސް ބަލާ ސަބަބު އެޓީމުން ސާބިތުކޮށްދެމުންދާ ކަމަށް ރޮނާލްޑޯ ބުންޏެވެ.

"އަހަރެން އަދިވެސް ދެކެނީ ފްރާންސަކީ މުބާރާތުގެ ބޮޑު ފެވަރިޓުންގެ ގޮތުގައި." ދެ ފަހަރު ވޯލްޑް ކަޕް ކާމިޔާބުކޮށްފައިވާ ރޮނާލްޑޯ ބުންޏެވެ.

ރޮނާލްޑޯ ބުނީ ވޯލްޑް ކަޕް މޮރޮކޯ އިން ކާމިޔާބު ކުރާތަން ދެކެން ވަރަށް ބޭނުންވާ ކަމަށާއި ނަމަވެސް އެކަން އެ ޓީމަށް ކުރެވޭނެ ކަމަށް ނުބެލެވޭ ކަމަށެވެ. އެގޮތުން ފްރާންސްގައި އޮތީ ވަރުގަދަ ޓީމެއް ކަމަށާއި ޑިފެންސް، މިޑްފީލްޑް އަދި އެޓޭކަށް ބެލިޔަސް އެކަން އޮތީ އެގޮތަށް ކަމަށް ރޮނާލްޑޯ ބުންޏެވެ.

ފްރާންސުން ވަނީ މީގެ ކުރިން ދެ ފަހަރެއްގެ މަތިން ވޯލްޑް ކަޕް ކާމިޔާބުކޮށްފަ އެވެ. އެއީ 1998 އާއި 2018 ގަ އެވެ.