Last Updated: June 14, 20:24
Sunday, June 14, 2026
ޚަބަރު

ބްރިޖާ ބެހޭ ވާހަކަތަކަށް ނިހާދުގެ ރައްދެއް

މިހާރު ކުރިއަށްދާ ތިލަމާލެ ބްރިޖްގެ މަސައްކަތްތަކަށް އިދިކޮޅު ފަރާތްތަކުން ފާޑުކިޔާތީ ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ރައްދު ދެއްވައިފި އެވެ.

ޕީޕީއެމަށް ނިސްބަތްވާ މާވަށު ދާއިރާގެ މެމްބަރު އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ތަކުރާރުކޮށް ބްރިޖްގެ މަސައްކަތްތަކަށް ފާޑު ވިދާޅުވާތީ ނިހާދު ކުރެއްވި ޓްވީޓެއްގައި ވަނީ ފާޑު ކިޔާ މީހުން ބްރިޖްގެ ތަނބު ޖަހައި ދޭން ދާންވީ ނޫންތޯ ވެސް ސުވާލުކޮށްފަ އެވެ.

އޭނަ ވިދާޅުވި ގޮތުގައި ބްރިޖް ހަދަން އިންޑިއާގެ އެފްކޮންސް ކުންފުނިން ވެސް އަންނަނީ މާލެ އާއި ހުޅުމާލެއާ ދެމެދު ޗައިނާ އިން ބްރިޖް އަޅަން ބޭނުންކުރި ޓެކްނޮލޮޖީ ވެސް ބޭނުން ކުރަމުންނެވެ. އެ ބްރިޖް އެޅީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގަ އެވެ.

"ހުޅުމާލެ ބްރިޖް އެޅި އިރު ވެސް ފާޑުފާޑުގެ ވާހަކަ ދެކެވުނު. ބްރިޖް އޮޔާދާ ވާހަކަ އާއި ތަނބު ހަރުނުލާ ވާހަކަ." ނިހާދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެފަދަ ވާހަކަތައް ދައްކަނީ ސިޔާސީ ބޭނުމަށްޓަކަ އެވެ.

ސައީދު ކުރިން ވަނީ ތިލަމާލެ ބްރިޖް ހަދަން އެންމެ ފުރަތަމަ ޖެހި ތަނބު ނެރުބައްތިއެއްގެ ގޮތުގައި ސިފަކުރައްވައި އަދި އެއީ ހެލިހެލި ހުރި އެއްޗެއް ކަމަށް ވިދާޅުވި އެވެ. އަދި ބްރިޖްގެ އިންޖިނިއަރިން ޑިޒައިން ވެސް ނުދައްކާތީ ކަންބޮޑުވުން ފާޅުކުރައްވައި، އެފްކޮންސް އަކީ ކަނޑު ހުރަސްކޮށް ބްރިޖް އެޅޭ ވަރުގެ ގާބިލުކަން ހުރި ކުންފުންޏެއް ނޫން ކަމަށް ވިދާޅުވެފައިވެ އެވެ.

ރޭ ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ބޭއްވި ޖަލްސާއެއްގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ އިންޑިއާ އަށް ތިލަމާލެ ބްރިޖް 20 އަހަރުން ވެސް ނޭޅޭނެ ކަމަށެވެ.

"އިންޑިއާއަކަށް 20 އަހަރު ދުވަހުން ވެސް އެ ބްރިޖެއް ނޭޅޭނެ. އެ މީހުންނަކީ ބްރިޖް އަޅަން ދަންނަ ބައެއް ނޫން. އެއްގޮތަކަށް ވެސް އެކަން ދަންނަ ބައެއް ނޫން އެއީ." އޭނާ ވިދާޅުވި އެވެ.