Last Updated: June 14, 18:18
Sunday, June 14, 2026
ޚަބަރު

މަސްވެރިކަމުގެ ދާއިރާ އޮތީ ބޮއްސުންލާފައި

މި ސަރުކާރުގައި މަސްވެރިކަމުގެ ދާއިރާ އޮތީ ބޮއްސުން ލާފައި ކަމަށް އެމްޑީޕީގެ ކުރީފެ ޗެއާޕާސަން ހަސަން ލަތީފު ވިދާޅުވެއްޖެ އެވެ.

ރައީސް އިބްރާހޯމް މުހައްމަދު ސޯލިހު ވެރިކަމަށް ވަޑައިގަންނަވަން 2018 ގައި ކެމްޕޭން ކުރެެއްވި ދުވަސްވަރު މަސްވެރިކަމުގެ ދާއިރާއާ ގުޅޭ ގޮތުން ފަރެސްމާތޮޑާގައި ދެއްކެވި ވާހަކަތަކެއްގެ ވީޑިއޯއެއް މީހަކު ޓްވީޓްކުރުމުން އެއާ ވިއްދައިގެން ހަސަން ކުރެއްވި ޓްވޫޓެއްގައި ވިދާޅުވީ މި ވެރިކަމުގެ ފަސް އަހަރު ހަމަވާން ކައިރިވެފައިވާ އިރު މަސްވެރިކަމުގެ ދާއިރާ އޮތީ ބޮއްސުން ލާފައި ކަމަށެވެ.

"އެމްޑީޕީގެ މަސްވެރިކަމުގެ ސިޔާސަތުތައް ދޫކޮށްލައްވައި އެތަނުން އެތިކޮޅަކާ އަނެއް ތަނުން އެތިކޮޅެއް ނަންގަވައިގެން އެޔެއް މިޔެއް ނުބަލައްލަވައި ކަންކަން ކުރައްވަން އުޅުއްވީމަ ފަސް އަހަރު ހަމަވާންދާ އިރު މިއޮތީ ބޮއްސުންލާފައި." ސަރުކާރާއި ރައީސްގެ ސިޔާސަތަށް މި ފަހުން ވަރަށް ބޮޑަށް ފާޑު ވިދާޅުވާ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ވިދާޅުވި އެވެ.

މި އަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މިދިޔަ އާދީއްތަ ދުވަހު ފަރެސްމާތޮޑާގައި މަސްވެރިންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ މަސްވެރިންނަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރަން ސަރުކާރުން މަސައްކަތްކުރަމުން އަންނަ ކަމަށާއި އަންނަ އަހަރު އެކަން ވާނެ ކަމަށެވެ.

ރައީސް ވިދާޅުވި ގޮތުގައި މަސްވެރިކަމުގެ ސިނާޢަތަށް ކުރިމަތިވެފައިވާ މައްސަލަތަކަކީ، މަސްވެރި އުޅަނދުފަހަރު ތަރައްގީވެގެން އައި މިންވަރަށް، ސަރުކާރުތަކުން މަސްވެރިކަމުގެ ސިނާއަތް ތަރައްގީކުރުމަށް މަސައްކަތް ކުރެވިފައި ނެތުމެވެ. ކަމަށެވެ. އެގޮތުން ފާއިތުވި 10-12 ވަރަކަށް އަހަރުގެ ތެރޭގައި އެކަށީގެންވާ ގޮތަކަށްގައި އެ މަސައްކަތްކުރެވިފައި ނެތް ކަމަށް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މަސްވެރިކަމުގެ ސިނާޢަތުގައި ހުރި ބޮޑެތި މައްސަލަތަށް އަންނަ އަހަރުގެ މެދަކާއި ހަމައަށް ހައްލުވާނެ ކަމަށވެ. އަދި މިހާރު ވެސް މުޅި ރާއްޖޭގެ މަސްވެރިކަމުގެ ސިނާއާތުގައި ހުރި މައްސަލަތައް ޙައްލު ކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދާ ކަމަށާއި، މަސް ކުންފުނިތަކުގެ ކެޕޭސިޓީ އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާ އަންނަ ކަމަށް ވިދާޅުވި އެވެ.