Last Updated: June 24, 00:19
Tuesday, June 23, 2026
ޚަބަރު

ޖުޑިޝަރީ އަށް ނުފޫޒު ފޯރުވުން ނުހުއްޓުވޭ

ޝަރުއީ ދާއިރާ އަށް ސަރުކާރާއި ބޭރުގެ ނުފޫޒު ފޯރުވަން ހުއްޓުވަން އެކަން ކުރަން ޖެހޭ ޒިންމާދާރު ފަރާތްތަކުން މަސައްކަތް ނުކުރާ ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ ފަނޑިޔާރުންނަށް އަވަށްޓެރި އިންޑިއާގައި ހިލޭ ތަމްރީނުދޭން ފޮނުވާތީ އެކަމާ ގުޅުވައިގެން އޭނަ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޝަރުއީ ދާއިރާގެ ހައިބަތާއި އަގު ހިފަހައްޓަން ޖެހޭ ކަމަށެވެ. އަދި އެ ދާއިރާގެ މުސްތަގިއްލުކަން ގެއްލުމުން އެކަކަށް ވެސް އިންސާފު ނުލިބޭނެ ކަމަށް ވިދާޅުވި އެވެ.

"ޖުޑިޝަރީގެ ހައިބަތާއި ހަގު ހިފަހައްޓައި، ޖުޑިޝަރީ އަށް ސަރުކާރާއި ބޭރުގެ ނުފޫޒު ފޯރުވުން ހުއްޓުވުމަށް ޒިންމާދާރު ފަރާތްތަކުން ކުރަން ޖެހޭ ކަންކަން ކުރާ ތަނެއް ނުފެނޭ." މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު ވިދާޅުވި އެވެ.

އިންޑިއާ އިން ފަނޑިޔާރުންނަށް ތަމްރީނު ދޭން ފެށި ޕްރޮގްރާމްގެ ދަށުން ތަމްރީނަށް ފޮނުވި ފުރަތަމަ ބެޗް މިހާރު ވަނީ އިންޑިއާ އަށް ގޮސްފަ އެވެ. އޭގެ ތެރޭގައި 50 ފަނޑިޔާރަކު ހިމެނެ އެވެ.

ރާއްޖޭގެ ޝަރުއީ ދާއިރާ އަށް ސަރުކާރާއި ބޭރުން ވެސް ނުފޫޒު ފޯރުވުމުގެ ވާހަކަތަކަކީ ހުރިހާ ސަރުކާރެއްގައި ވެސް ދެކެވޭ ވާހަކައެކެވެ. އަދި މިއީ ރައްޔިތުންގެ މެދުގައި އެންމެ ބޮޑު އެއް ކަންބޮޑުވުން ވެސް މެ އެވެ.