Last Updated: July 27, 18:03
Monday, July 27, 2026
މުނިފޫހިފިލުވުން

"އާޝިގީ 3" އަށް ނަގާނީ އާ ބަތަލާއެއް

ކާތިކް އާރިއަނާ އެކީ "އާޝިގީ 3" ހަދަން އިއުލާންކުރި ފަހުން ގިނަ ބަޔަކު އެންމެ ބޮޑަށް އިންތިޒާކުރަނީ އެ ފިލްމަށް ނަގާނެ ބަތަލާ އަކީ ކޮބައިތޯ ބެލުމަށެވެ.

މި ފިލްމު ސެޕްޓެމްބަރު މަހުގެ ތެރޭގައި އިއުލާންކުރި ތަނާހެން އޭގެ ބަތަލާ އަކީ މަޝްހޫރު ޓީވީ ބަތަލާ ޖެނިފާ ވިންގެޓްކަމުގެ އަޑުތަކެއް ވެސް އެރި އެވެ. އޭގެ ފަހުން "އާޝިގީ 3" އިން ފެންނަން ބޭނުންވާ ބަތަލާއިންނާ ބެހޭ ބަހުސްތަކެއް ސޯޝަލް މީޑިއާގައި ވެސް ވަރަށް ބޮޑަށް ކުރެވިފައިވެ އެވެ. އެގޮތުން ކާތިކާ އެކީ ފެންނަން ބޭނުން ވަނީ 2013 ގެ "އާޝިގީ 2" ގެ ބަތަލާ ޝްރަދާ ކަޕޫރް ކަމަށް ވެސް ގިނަ ބަޔަކު ބުނެފައިވެ އެވެ. އޭގެ ފަހުން "އާޝިގީ 3" އަށް ސާރާ އަލީ ޚާން ނުވަތަ "ޕުޝްޕާ" ގެ ބަތަލާ ރަޝްމިކާ މަންދަނާ ވެސް ވަރަށް ފިޓްވާނެ ކަމަށް ބުނެ ފޭނުންތަކެއް ވާހަކަތަކެއް ދައްކާފައިވެ އެވެ.

ނަމަވެސް އޭގެ ޕްރޮޑިއުސަރު މުކޭޝް ބަޓް މިހާރު ބުނަން އޮތީ އަދި މުޅިން އެހެން ވާހަކައެކެވެ. ޕިންކްވިލާ އަށް ދިން އިންޓަވިއުއެއްގައި އޭނަ ބުނީ "އާޝިގީ 3" އިން އާ ބަތަލާއަކު ތައާރަފުކުރަން ނިންމާފައިވާ ކަމަށެވެ.

"ބޭނުން ވަނީ މި ފިލްމުން އާ މޫނެއް ތައާރަފުކުރަން. އެހެންވެ ބަތަލާއަކު ހޯދުމުގެ މަސައްކަތް ކުރިއަށް އެބަދޭ،" އާޝިގީގެ ފުރަތަމަ ބައި ޑައިރެކްޓްކުރި މަހޭޝް ބަޓްގެ ކޮއްކޮ ބުންޏެވެ. "މިކަމަށް އަހަރެމެން ގިނަ ރިސާޗްތަކެއް ވެސް އެބަ ހަދަން."

މުކޭޝް ބުނި ގޮތުގައި "އާޝިގީ 3" އަދި އޮތީ ސްކްރިޕްޓިން މަރުހަލާގަ އެވެ. އަދި ފިލްމުގެ މަސައްކަތްތައް ފަށާނީ އަންނަ އަހަރު އެވެ. މި ފިލްމުގެ ޑައިރެކްޓަރު އަނޫރާގް ބާސޫ މިދިޔަ ހަފުތާގައި ވަނީ އޭނަ 2007 ގައި ގެނެސްދިން "ލައިފް އިން އަ…މެޓްރޯ" ގެ ސީކްއެލް "މެޓްރޯ: އިންދި ނޯ" އިއުލާންކޮށްފަ އެވެ. އެ ފިލްމުގެ ކާސްޓް ވެސް އިއުލާންކޮށްފައިވާ އިރު، "އާޝިގީ 3" ގެ ކުރިން "މެޓްރޯ" ގެ ސީކްއެލް ބެލުންތެރިންނަށް ގެނެސްދޭނެ އެވެ.

މަހޭޝް 1990 ގައި ގެނެސްދިން "އާޝިގީ" އަކީ ރާހުލް ރޯއި އާއި އަނޫ އަގަރްވާލް ބޮލީވުޑަށް ތައާރަފުވި ފިލްމެވެ. އެ ފިލްމަކީ އޭގެ ލަވަތައް ވަރަށް މަޝްހޫރުވި ފިލްމެކެވެ. "އާޝިގީ 2" ޝްރަދާ އާއި އަދިތިޔާ ރޯއި ކަޕޫރާ އެކީ ގެނެސްދިނީ ޑައިރެކްޓަރު މޯހިތު ސޫރީ އެވެ. އަދި މި ފިލްމަކީ ވެސް ލަވަތައް ވަރަށް ހިޓްވި ފިލްމެކެވެ.