Last Updated: July 22, 18:06
Wednesday, July 22, 2026
ދުނިޔެ

މުޒާހަރާކުރި ޒުވާނަކު ދަންޖައްސައިފި

އިރާންގައި ސަރުކާރާ ދެކޮޅަށް ކުރަމުން އަންނަ މުޒާހަރަތަކާ ގުޅިގެން ހައްޔަރުކުރި ޒުވާނަކަށް އިއްޔެ މަރުގެ އަދަބު ދީފި އެވެ.

އާންމުންނަށް ވެސް ފެންނަ ގޮތަށް އިއްޔެގެ ހެނދުނުގެ ވަގުތެއްގައި ދަންޖައްސައި މަރުގެ ހުކުމް ތަންފީޒުކުރީ މާޖިދުރިޒާ ރަހްނަވަނާދު ކިޔާ 23 އަހަރުގެ ޒުވާނެކަށެވެ. މުޒާހަރާކޮށްގެން އޭނާ ހައްޔަރުކޮށް އޭނަގެ މައްޗަށް އުފުލީ ދީނުގެ އަދުވެއްގެ ގޮތުގައި ދީނާ ހިލާފު ކަންކަމަށް ހިތްވަރު ދިނުމުގެ ދައުވާ އެވެ.

މީޑިއާތަކުން ބުނި ގޮތުގައި މާޖިދަށް މަރުގެ ހުކުމް ތަންފީޒުކުރުމުގެ ކުރިން އޭނަ އަށް މަންމައާ ބައްދަލުކުރުމުގެ ފުރުސަތު ދިނެވެ. އެކަމަކު މަރުގެ ހުކުމް ތަންފީޒުކުރަން އުޅޭކަން ނާންގާ ކަމަށާއި ދަރިފުޅަށް މަރުގެ ހުކުމް ތަންފީޒުކުރިކަން އެނގުނީ ވަޅުލި ފަހުންނެވެ. މާޖިދަށް މަރުގެ ހުކުމް އިއްވީ ހައްޔަރުކުރިތާ 23 ދުވަސް ފަހުންނެވެ.

މިއީ މިދިޔަ ސެޕްޓެމްބަރު މަހުގެ 16 ގައި އިރާންގައި ސަރުކާރާ ދެކޮޅު މުޒާހަރާތައް ފެށުނު ފަހުން ހައްޔަރުކޮށް، ދައުވާކޮށް މަރުގެ ހުކުމެއް ތަންފީކުރި ދެވަނަ ފަހަރެވެ. މިދިޔަ މަހުގެ ތެރޭގައި ވެސް މުޒާހަރާކުރި މީހަކަށް މަރުގެ ހުކުމް ތަންފީޒުކޮށްފައިވެ އެވެ.

އިރާންގައި މުޒާހަރާކުރަން ފެށީ މަހްސާ އަމީނީ ކިޔާ 22 އަހަރުގެ އަންހެނަކު ބުރުގާ ނާޅައި އުޅުމުން ފުލުހުން އޭނާ އެ މަހުގެ 13 ގައި ހައްޔަރުކޮށް ދިން އަނިޔާތަކާ ގުޅިގެން، ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށް ސެޕްޓެމްބަރު 16 ގައި މަރުވުމާ ގުޅިގެންނެވެ.