މި އަހަރު ރިލީޒްކުރި އިންޑިއާގެ ފިލްމު "އާރްއާރްއާރް" އަށް އަންނަ އަހަރު ބާއްވާ 80 ވަނަ ގޯލްޑެން ގްލޯބް އެވޯޑްސް އިން ދެ ނޮމިނޭޝަން ލިބިއްޖެ އެވެ.
އެ ދެ ނޮމިނޭޝަނަކީ އެންމެ މޮޅު ބޭރު ފިލްމު ކެޓަގަރީން ލިބުނު ނޮމިނޭޝަނާއި އެންމެ މޮޅު ލަވައިން ލިބުނު ނޮމިނޭޝަނެވެ. "އާރްއާރްއާރް" އާ އެކީ އެންމެ މޮޅު ބޭރު ފިލްމަށް ނޮމިނޭޓްވި ފިލްމުތަކަކީ ޖަރުމަންގެ "އޯލް ކްއައިޓް އޮން ދަ ވެސްޓަން ފްރޮންޓް" އާއި އާޖެންޓީނާގެ "އާޖެންޓީނާ، 1985" އާއި ބެލްޖިއަމް/ފްރާންސް/ނެދަލޭންޑްސްގެ "ކްލޯޒް" ގެ އިތުރުން ދެކުނު ކޮރެއާގެ "ޑިސިޝަން ޓު ލީވް" އެވެ.
"އާރްއާރްއާރް" ގެ ލަވަ "ނާތު ނާތޫ" އަށް އަށް އެންމެ މޮޅު ލަވައިގެ ނޮމިޝޭން ލިބުނު އިރު އެ ކެޓަގަރީ އަށް ދެން ވާދަކުރަނީ "ވެއާ ދަ ކްރޯޑެޑްސް ސިންގް" ގެ "ކެރޮލީނާ" އާއި "ޕިނޯކިއޯ" ގެ "ޝިއާއޯ ޕާޕާ" އާއި "ޓޮޕް ގަން: މެވެރިކް" ގެ "ހޯލްޑް މައި ހޭންޑް" ގެ އިތުރުން "ބްލެކް ޕެންތާ: ފޯއެވާ ވެކަންޑާ" ގެ "ލިފްޓް މީ އަޕް" އެވެ.
"ބާހްބަލީ" ގެ ދެ ފިލްމުގެ ވެސް ޑައިރެކްޓަރު އެސްއެސް ރާޖަމޯލީގެ "އާރްއާރްއާރް" އަށް ގޯލްޑެން ގްލޯބުން ދެ ނޮމިނޭޝަނެއް ލިބުނު އިރު، މި އެވޯޑަކީ އޮސްކާ ފިޔަވައި ދުނިޔޭގައި ދެވޭ އެންމެ ޝަރަފުވެރި ފިލްމީ އެވޯޑެވެ. އެހެންވެ މި ކާމިޔާބީގެ ވާހަކަ ރާޖަމޯލީ ސޯޝަލް މީޑިއާގައި ވެސް ހިއްސާކޮށްފައިވެ އެވެ.
މި އަހަރުގެ މާޗްގައި ރިލީޒްކުރި "އާރްއާރްއާރް" ވަނީ އަންނަ އަހަރު ބާއްވާ 95 ވަނަ އޮސްކާގެ އެވޯޑްސްގެ ބައެއް ކެޓަގަރީތަކަށް ވެސް ވާދަކުރަން އަމިއްލަ ގޮތުން ހުށަހަޅައިފަ އެވެ.
މި ފިލްމަކީ އިނގިރޭސީންގެ އަޅުވެތިކަމުގައި އިންޑިއާ އޮތް ޒަމާނުގައި އިނގިރޭސިންނާ ދެކޮޅަށް ވަތަނީ ރޫހުގައި 1920 ގެ ތެރޭގައި ނުކުންނަ ހިތްވަރު ގަދަ ދެ މީހެއްގެ ވާހަކަ ކިޔައިދިން ފިލްމެކެވެ. "އާރްއާރްއާރް" ގެ މައިގަނޑު ތަރިންނަކީ ތެލެގޫ އެކްޓަރުން ކަމަށްވާ އެންޓިއާރް ޖޫނިއާ އާއި ރާމް ޗަރަން އެވެ. މީގެ ކާސްޓްގައި ބޮލީވުޑްގެ އާލިއާ ބަޓާއި އަޖޭ ދޭވްގަން ވެސް ހިމެނެ އެވެ.
"އާރްއާރްއާރް" އަކީ މި އަހަރު އެންމެ ބޮޑު އާމްދަނީއެއް ހޯދި އިންޑިއާގެ ފިލްމެވެ. އަދި މި ފިލްމު ބައިނަލްއަގްވާމީ އެކިއެކި އެވޯޑްތަކުގައި ވާދަކޮށްގެން މިހާތަނަށް އެކި ވަރުގެ ކާމިޔާބީތައް ހޯދާފައިވެ އެވެ.
އަށްޑިހަ ވަނަ ގޯލްޑެން ގްބޯލް އެވޯޑްސް ހަފުލާ އޮންނާނީ އަންނަ މަހުގެ 11 ގަ އެވެ.