ގަތަރުގައި މިހާރު ކުރިއަށްދާ ވޯލްޑް ކަޕުން އުރްގުއޭ ކެޓުމުން އެ ޓީމްގެ ކުޅުންތެރިޔާ ލުއިސް ސުއަރޭޒްގެ ރާއްޖޭގެ ޗުއްޓީ ދަތުރުގެ ފޮޓޯތަކެއް އާންމުކޮށްފި އެވެ.
ސުއަރޭޒްގެ މި ދަތުރާ ގުޅޭ އެއްވެސް ވާހަކައެއް އޭނަގެ ސޯޝަލް މީޑިއާ އެކައުންޓަކު ނެތެވެ. ނަމަވެސް އޭނަ އާއިލާއާ އެކީ ޗުއްޓީ ހޭދަކުރަމުން އަންނަ ސިޔާމް ވޯލްޑްގައި ނަގާފައިވާ ފޮޓޯތަކަކާއި އެ ދަތުރުގެ ބައެއް ވާހަކަތައް ރާއްޖޭގެ ޓޫރިޒަމް ޚަބަރުތައް ގެނެސްދޭ ޓްރަވެލް ޓްރޭޑް މޯލްޑިވްސްގައި ގެނެސް ދީފައިވެ އެވެ.
ސުއަރޭޒާއި އަންހެނުން ސޯފިއާ ބަލްބީ އާއި ތިން ދަރިން ރާއްޖެ އައީ މި މަހުގެ 4 ގަ އެވެ. ޓްރަވެލް ޓްރޭޑް މޯލްޑިވްސްގައި ބުނެފައިވާ ގޮތުގައި ސުއަރޭޒްގެ އާއިލާ ސިޔާމް ވޯލްޑްގައި ހަފުތާއެއްހާ ދުވަސް ހޭދަކުރި އެވެ. އަދި މި ދަތުރުގައި ރިސޯޓްގެ ގިނަ ހިދުމަތްތަކެއް ތަޖުރިބާކޮށް، ރިސޯޓްގައި ތިބި ގެސްޓުންތަކަކާއި ރިސޯޓްގެ މުވައްޒަފުންތަކަކާ އެކީ ފުޓްބޯޅަ މެޗެއް ކުޅެ، ވަރަށް ފޯރި ނެގި އެވެ.

ވޯލްޑް ކަޕުން ކެޓުމާ ގުޅިގެން ޗުއްޓީ އަށް މިހާރު ރާއްޖޭގައި ތިބި މަޝްހޫރު ފުޓްބޯޅަ ތަރިންގެ ތެރޭގައި ބްރެޒިލްގެ ނޭމާ އާއި އިންގްލޭންޑްގެ ކެޕްޓަން ހެރީ ކޭން ހިމެނެ އެވެ.
ކުރިއަށް އޮތީ ރާއްޖޭގެ ޓޫރިޒަމްގެ ފީކް ދުވަސްވަރަށްވާތީ މި މަހުގެ 18 ގައި ވޯލްޑް ކަޕް ނިމުމާ އެކީ ފުޓްބޯޅަ ތަރިންތަކެއް ރާއްޖެ އަށް ޗުއްޓީ އަށް އަންނާނެ ކަމަށް ބެލެވެ އެވެ.