Last Updated: June 24, 00:19
Tuesday, June 23, 2026
ޚަބަރު

ތަކެތީގެ އަގުބޮޑުކުރާތީ ރޮޒޭ ކަންބޮޑުވެއްޖެ

ޓެކްސް ބޮޑުކުރި ނަމަވެސް އެއަށް އަދި އަމަލު ކުރަން ނުފަށަނީސް ތެޔޮ އަގު ބޮޑުވެގެން ކަމަށް ބުނެ ވިޔަފާވެރިން ތަކެތީގެ އަގު ބޮޑުކުރަމުންދާތީ ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް (ރޮޒޭ) ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

އެލްމެނިއަމް ދޮރުފަތް ޖަހަން ބޭނުންކުރާ ތަކެތިން މިހާރު ބޮޑުކޮށް އަގު ނަގާތީ އެކަމާ ކަންބޮޑުވުން ފާޅުކޮށް މީހަކު ކުރި ޓްވީޓަކާ ގުޅިގެން ރޮޒޭ ކުރެއްވި ޓްވީޓްތަކެއްގައި ވިދާޅުވީ ވިޔަފާވެރިން މިގޮތަށް ރައްޔިތުންނަށް އޮޅުވައިލުން ހުއްޓާލަން ޖެހޭ ކަމަށެވެ.

"ޖީއެސްޓީ ވެސް ބޮޑުވާނީ އަންނަ މަހުން ފެށިގެން. އެކަމަކު މިހާރު އެއްޗެހީގެ އަގު ބޮޑުކޮށްފައި އެބަ ބުނޭ ޖީއެސްޓީ ބޮޑު ވެގެންނޭ،" ރޮޒޭ ވިދާޅުވި އެވެ. "މިއީ ބޮޑުވަރު. ތެޔޮ އަގުބޮޑުވެގެން އަގުބޮޑު ކުރާ އެއްޗިއްސަށް ވެސް ތެޔޮ އަގުހެޔޮ ވިޔަސް ދެން އަގު ހެވެއް ނުކުރޭ."

އޭނާ ވިދާޅުވީ ތެޔޮ އަގުބޮޑުވީމަ ތަކެތީގެ އަގު ވެސް ބޮޑުވާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

"ނަމަވެސް ތެޔޮ އަގުބޮޑުވީ ވަރަށް ވުރެ ދެގުނަ އަށް ގިނަ ތަންތަނުން އަގުބޮޑުކޮށްލާފައި މި ހުންނަނީ،" ރޮޒޭ ވިދާޅުވި އެވެ. "މިއީ ވަރަށް ދެރަ ކަމެއް. މިވަރު ކޮށްލާކަށް ނުވާނެ."

އަންނަ މަހުން ފެށިގެން ޖީއެސްޓީ އަށް ނަގަން ނިންމާފައި ވަނީ 6 ޕަސެންޓްގެ ބަދަލުގައި 8 ޕަސެންޓެވެ. އަދި ޓީޖީއެސްޓީންް 12 ޕަސެންޓްގައި ނަގާނީ 16 ޕަސެންޓެވެ. ސަރުކާރުން ބުނެފައިވާ ގޮތުގައި ޓެކްސް ބޮޑުކުރީ ދައުލަތުގެ އާމްދަނީ ރަނގަޅުކުރުމުގެ ގޮތުންނެވެ.