Last Updated: July 27, 18:03
Monday, July 27, 2026
މުނިފޫހިފިލުވުން

އާތިޔާގެ ކައިވެނި އަންނަ މަހުގެ 23 ގައި

ބޮލީވުޑްގެ ތަރި ސުނިލް ޝެޓީގެ އަންހެން ދަރިފުޅު އާތިޔާ ޝެޓި އާއި ކްރިކެޓް ތަރި ކޭއެލް ރާހުލް އަންނަ މަހުގެ 23 ގައި ކައިވެނިކުރާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މި ކައިވެނީގެ ވާހަކަ ދެކެވޭތާ މިހާރު އަހަރަކަށް ވުރެ ގިނަ ދުވަސްވެފައިވާ އިރު، އާތިޔާ، 30، އާއި ރާހުލް، 30، ރައްޓެހިވީ 2019 ގެ ތެރޭގަ އެވެ. ދެހާސް ވިއްސާ ހަމައަށް އެ ގުޅުން ވަރަށް ސިއްރުކޮށްގެން އުޅުނު ނަމަވެސް އޭގެ ފަހުން، އެ ގުޅުން ވަރަށް ބޮޑަށް އިންސްޓަގްރާމްގައި އާންމުކޮށްފައިވެ އެވެ.

މީޑިއާތަކުން ބުނީ އާތިޔާ އާއި ރާހުލްގެ ކައިވެނީގެ ރަސްމީ ހަފުލާ އަންނަ މަހުގެ 23 ގައި ބާއްވާ އިރު، އެ ކައިވެންޏާ ގުޅުން ހުރި ކަންކަން އަންނަ މަހުގެ 21 ގައި ފަށާނެ ކަމަށެވެ. އަދި ކައިވެނި ކުރާނީ ކަންޑާލާގައި ހުންނަ ސުނިލްގެ އަގުބޮޑު ގޭގައި ކަމަށް ޕިންކްވިލާ އިން ބުންޏެވެ.

އެ ނޫހުން ބުނި ގޮތުގައި ކައިވެނީގެ ހަފުލާ އަށް ދެ ފަރާތުގެ އާއިލާ އިން ވަރަށް ފޯރީގައި މިހާރު ތައްޔާރީތައްވަމުން އަންނަ އިރު، މި މަހުގެ ފަހުކޮޅު އެ ހަފުލާގެ ދައުވަތު ފޮނުވަން ފަށާނެ އެވެ.

އާތިޔާ އަކީ 2015 ގެ "ހީރޯ" އިން ބޮލީވުޑަށް ނުކުތް ނަމަވެސް ފުރުސަތުތައް ނުލިބި މިހާރު ގެއްލިފައިވާ ބަތަލާއެކެވެ. އޭނަ ކުޅުނީ އެންމެ ތިން ފިލްމެވެ. އެއީ "ހީރޯ" ގެ އިތުރުން 2016 ގެ "މުބާރަކަން" އާއި 2019 ގެ "މޯޓީޗޫރް ޗަކްނަޗޫރް" އެވެ.

އާތިޔާގެ ކޮއްކޮ އަހާން ޝެޓީ، 26، ބޮލީވުޑަށް ނުކުތީ މިދިޔަ އަހަރުގެ ޑިސެމްބަރުގެ "ތަޅަޕް" އިންނެވެ.