Last Updated: April 23, 14:45
Tuesday, April 23, 2024
ޚަބަރު

ހިތަދޫގައި ޓޫރިސްޓް ފެސިލީޓީއެއް ހަދަން ބޭރުގެ ކުންފުންޏަކަށް

އައްޑޫ ހިތަދޫގައި ޓޫރިސްޓް ފެސިލިޓީއެއް ގާއިމުކުރަން ބޭރުގެ ކުންފުންޏަކާ މިއަދު ހަވާލުކޮށްފި އެވެ.

ކައުންސިލުން މިއަދު ސޮއިކުރީ ތުރުކީގެ ކުންފުންޏެއް ކަމަށްވާ ވިޒްޔޮން ވިލާއާ އެކީގަ އެވެ.

މި މިއެއްބަސްވުމުގެ ދަށުން ހިތަދޫ ސަންސެޓް ބީޗް ސަރަހައްދުގައި 220 އެނދުގެ ޓޫރިސްޓް ފެސިލިޓީއެއް ގާއިމުކުރުމަށް އެއްބަސްވެފައިވެ އެވެ. ކައުންސިލުން ބުނީ މީގެ ސަބަބުން އައްޑޫގައި އިތުރު 185 ވަޒީފާގެ ފުރުސަތު ހުޅުވިގެން ދާނެ ކަމަށެވެ.

ވިޒްޔޮން ވިލާ އަކީ އައްޑޫގައި ހައުސިން ޕްރޮޖެކްޓެއް ވެސް ކުރިއަށް ގެންދަން މި އަހަރުގެ ޖެނުއަރީ މަހުގެ 13 ގައި ކައުންސިލާ އެކީ އެއްބަސްވުމެއް ހެދި ކުންފުނި ވެސް މެ އެވެ. އެކަމަކު އެއާ ގުޅޭ އެއްވެސް ކަމެއް ކުރިއަކަށް އަދި ނުދެ އެވެ.

ވިޒްޔޮން ވިލާ ޓޫރިސްޓް ފެސިލިޓީއެެއް ހަދަން ހަމަޖެހުނު ސަންސެޓް ބީޗް ސަރަަހައްދަކީ އައްޑޫގެ ފަސް ޓޫރިޒަމްގެ ޒޯންގެ ތެރެއިން އެއް ތަނެވެ.

ލޯކަލް ޓޫރިޒަމް ފުޅާކޮށް ތަރައްގީކުރަން ކައިުންސިލުން ފެށި މަސައްކަތުގެ ތެރެއިން އައްޑޫގެ އެކި އަވަށްތަކުން ޖުމްލަ 98 ބިމެއް ޓޫރިޒަމް ޒޯންގެ ތެރެއިން އިން ފަހިކޮށްފައިވެ އެވެ. އަދި ގިނަ ބިންތައް އެކި ފަރާތްތަކާ މީގެ ކުރިން ހަވާލުކޮށްފައިވެ އެވެ. އެކަމަކު އެއްވެސް ޓޫރިޒަމް ޒޯނަކުން ދޫކުރި ބިމެއްގައި މިހާތަނަށް ޓޫރިސްޓް ފެލިސިޓީއެއް ގާއިމުކުރެވިފައެއް ނުވެ އެވެ.

މިކަމަކީ އައްޑޫގެ ޓޫރިސްޓް އެނދުގެ އަދަދު 8،000 އިތުރުކުރަން ސަރުކާރުން ކަނޑައެޅި ސިޔާސަތުގެ ބައެކެވެ.