Last Updated: July 26, 18:11
Sunday, July 26, 2026
ޚަބަރު

ޓެލެކޮމް އިންފްރާސްޓްރަކްޗަ ލައިސަންސް އެޗްޑީސީއަށް

ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސްއިން ޓެލެކޮމިއުނިކޭޝަން އިންފްރާސްޓްރަކްޗަ ލައިސަންސް އެޗްޑީސީ އަށް ދީފި އެވެ.

މިއީ ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސްގެ ފަރާތުން މި ލައިސަންސް ދޫކުރި ފުރަތަމަ ކުންފުންޏެވެ.

ޓެލެކޮމިއުނިކޭޝަން އިންފްރާސްޓްރަކްޗަ ލައިސަންސް ރަސްމީކޮށް އެޗްޑީސީއާ ހަވާލުކޮށްދެއްވީ ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސްގެ ޗީފް އެގްޒެކެޓިވް އިލްޔާސް އަޙުމަދު އެވެ. އެޗްޑީސީގެ ފަރާތުން ލައިސަންސާ ހަވާލުވީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަޙުމަދު އާތިފް އެވެ.

މި ލައިސަންސްގެ ދަށުން އެޗްޑީސީ އަށް ހުޅުމާލޭގައި މުއާސަލާތީ އިންފްރާސްޓްރަކްޗަ ގާއިމުކޮށް ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކުގެ ބޭނުމަށް މިއިންފްރާސްޓްރަކްޗަރ ދޫކުރުމުގެ ހުއްދަ ލިބިދޭނެ އެވެ.

ރަސްމީ ސިފައެއްގައި މިއަދު މި ލައިސަންސް އެޗްޑީސީއަށް ދޫކުރިޔަސް، މުއާސަލާތީ ހިދުމަތްތައް ފޯރުކޮށްދޭ ހުރިހާ ފަރާތްތަކަށް ބޭނުން ކުރެވޭ ގޮތަށް ރާއްޖޭގައި ގާއިމުކުރި ފުރަތަމަ އޯޕަން އެކްސެސް ވިއުގަ އެޗްޑީސީން ވަނީ ހުޅުމާލޭގައި ގާއިމްކޮށްފަ އެވެ.

އެގޮތުން އެޗްޑީސީ އަށް ރަސްމީކޮށް ލައިސަންސް ދޫކޮށްފައިވަނީ އޯޕަން އެކްސެސްގެ މި ވިއުގައަށް މުއާސަލާތީ ހިދުމަތްދޭ ފަރާތްތަކުގެ ފުރިހަމަ އިތުބާރު ލިބި، މި ވިއުގަ މެދުވެރިކޮށް ފެންވަރު ރަނގަޅު ޚިދުމަތްތަކެއް ރައްޔިތުނަށް ފޯރުކޮށްދެވެމުން ދާތީ ކަމަށް އެ ކުންފުނިން ބުނެ އެވެ.

އެޗްޑީސީން ވަނީ ކާމިޔާބުކަމާއެކު ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އޯޕަން އެކްސެސް ނެޓުވޯކެއް ގާއިމުކޮށް، އެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް އެފްޓީޓީއެޗް (ފައިބަރ ޓު ދަ ހޯމް) ގެ ޚިދުމަތް ދޭން ފަށާފަ އެވެ. އަދި މުއާސަލާތީ ޚިދުމަތްދޭ ކުންފުނިތަކުން މި ވިއުގަ މެދުވެރިކޮށް ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހިދުމަތްތައް ފޯރުކޮށްދޭތާ މިހާރު އަހަރަކަށްވުރެ ގިނަ ދުވަސް ވެއްޖެ އެވެ.