Last Updated: July 27, 18:03
Monday, July 27, 2026
މުނިފޫހިފިލުވުން

"އެވަޓާ 2" ގެ ޑައިރެކްޓަރު ކޮވިޑަށް ޕޮޒިޓިވް

"އެވަޓާ 2" ގެ ޓޯކިއޯ ޕްރީމިއާގައި ފޭނަކު ކެމަރޮމްއާ އެކީ ސެލްފީއެއް ނަގަނީ.

އަންނަ ހުކުރު ދުވަހު އާންމުކޮށް ސިނަމާތަކަށް ދޫކޮށްލާ "އެވަޓާ؛ ދަ ވޭ އޮފް ވޯޓާ" ގެ ޑައިރެކްޓަރު ޖޭމްސް ކެމަރޮން ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

"ޓައިޓޭނިކް" ވެސް ގެނެސްދިން 68 އަހަރުގެ ޑައިރެކްޓަރު ކޮވިޑަށް ޕޮޒިޓިވްވުމާ ގުޅިގެން ރޭ ލޮސް އެންޖެލިސްގައި ބޭއްވި ފިލްމުގެ ޕްރީމިއާ އަށް ހާޒިރުވެގެން އޭނަ އަށް ބައިވެރިވޭ ގޮތެއް ވެސް ނުވި އެވެ. އެކަމަކު ވާޗްއަލްކޮށް ޕްރީމިއާގައި ކެމެރޮން ބައިވެރިވި އެވެ.

"އެވަޓާ؛ ދަ ވޭ އޮފް ވޯޓާ" ގެ ޕްރީމިއާތައް ކުރިއަށް ދަނިކޮށް ކެމެރޮން އަށް ޖެހުނުކަން އެނގުނީ ކުރިއަށް ގެންދިޔަ ހެލްތު ޗެކަޕެއްގެ ތެރެއިންނެވެ. އޭނަ ބަލިވި ނަމަވެސް ހާލަތު ރަނގަޅެވެ.

ދެހާސް ނުވައެއްގެ "އެވަޓާ" ގެ ސީކްއެލް އެންމެ ފުރަތަމަ ޕްރީމިއާކޮށްފައި ވަނީ މި މަހުގެ 6 ގައި ލަންޑަންގަ އެވެ. އަދި މި މަހުގެ 10 ގައި ޖަޕާނުގައި ވެސް ފިލްމު ވަރަށް ކުލަގަދަކޮށް ޕްރީމިއާކުރި އެވެ.

އަންނަ ހުކުރު ދުވަނު ފިލްމު އާންމުކޮށް ސިނަމާތަކުގައި ދައްކަން ފަށާ އިރު މިއީ 400 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހަދާފައިވާ ފިލްމެކެވެ. ހޮލީވުޑްގެ ޚަބަރުތައް ދިރާސާކުރާ ފަރާތްތަކުން ބުނެފައިވާ ގޮތުގައި "އެވަޓާ؛ ދަ ވޭ އޮފް ވޯޓާ" އަކީ "އެވަޓާ" ހަދާފައި އޮތް ބޮކްސް އޮފީސް ރެކޯޑް މުގުރައިލާނެ އެއްޗެކެވެ. އެ ފިލްމަކީ މިހާތަނަށް އެންމެ ބޮޑު އާމްދަނީގެ ރެކޯޑް އޮތް ފިލްމެވެ. އެއަށް 2.923 ބިލިއަން ޑޮލަރު ލިބިފައިވެ އެވެ.

"އެވަޓާ؛ ދަ ވޭ އޮފް ވޯޓާ" ރިލީޒްކުރުމުގެ ކުރިން މިހާރު ވަނީ އަންނަ މަހު ބާއްވާ 80 ވަނަ ގޯލްޑެން ގްލޯބް އެވޯޑްސް އަށް ވެސް އެކި ކެޓަގަރީތަކުން ނޮމިނޭޓްވެފަ އެވެ. އޭގެ ތެރޭގައި އެންމެ މޮޅު ޑައިރެކްޝަނާއި އެންމެ މޮޅު މޯޝަން ޕިކްޗާ ހިމެނެ އެވެ.