Last Updated: July 16, 18:01
Thursday, July 16, 2026
ކުޅިވަރު

މެޗު ޕްރިވިއު: އާޖެންޓީނާ-ކްރޮއޭޝިއާ

ފީފާ ވޯލްޑް ކަޕްގެ ސެމީފައިނަލްގެ ފުރަތަމަ މެޗު މިރޭ ކުޅޭއިރު މި މެޗުގައި ބައްދަލުކުރާނީ ދެކުނު އެމެރިކާގެ ގަދަ ބާރު އާޖެންޓީނާ އާއި ވޯލްޑް ކަޕްގެ އެންމެފަހުގެ ރަނަރަޕުން ކަމަށްވާ ކްރޮއޭޝިއާ އެވެ.

މުބާރާތުގެ ސެމީފައިނަލަށް އާޖެންޓީނާ ދަތުރުކުރީ ކުއާޓާފައިނަލްގައި ޕެނަލްޓީގައި 4-3 އިން ނެދަލޭންޑްސް ބަލިކުރުމަށްފަހު އެވެ. ކްރޮއޭޝިއާ ސެމީ އިން ޖާގަ ހޯދީ ކުއާޓާގައި ވަރުގަދަ ބްރެޒިލް 4-2 އިން ޕެނަލްޓީގައި ބަލިކޮށްގެންނެވެ.

އެންމެފަހުން އާޖެންޓީނާ ވާދަކުރި ފަސް ވޯލްޑް ކަޕްގެ ތެރެއިން އެޓީމަށް މުބާރާތުގެ ފައިނަލަށް ދެވިފައިވަނީ އެންމެ ފަހަރަކު އެވެ. އެއީ 2014 ވަނަ އަހަރު ކަމަށްވާއިރު އެފަހަރު ފައިނަލްގައި އާޖެންޓީނާ ވަނީ 1-0 އިން ޖަރުމަނު އަތުން ބަލިވެފަ އެވެ. މިފަހަރުގެ މުބާރާތުގައި އާޖެންޓީނާ އެންމެފަހުން ކުޅުނު ހަތަރު މެޗުގައި އެޓީމުން މަދުވެގެން ދެ ގޯލް ކާމިޔާބުކޮށްފައިވާއިރު މި މުބާރާތުގައި އެންމެ ފޯމުގައި ހުރި އެއް ކުޅުންތެރިއަކީ އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ އެވެ. ޑިފެންސިވް ސިސްޓަމަކަށް ކުޅޭ ކްރޮއޭޝިއާގެ ޑިފެންސްލައިން ފޫއަޅުވާލުމަކީ އުނދަގޫ ކަމެއްކަން އެޓީމުން ސާބިތުކޮށްދީފައިވާއިރު މިރޭގެ މެޗަކީ އާޖެންޓީނާ އަށް އޮތް ބޮޑު ޗެލެންޖެކެވެ.

މީގެ ހަތަރު އަހަރު ކުރިން ރަޝިއާގައި ބޭއްވި ވޯލްޑް ކަޕްގެ ފައިނަލްގައި ކްރޮއޭޝިއާ ކުޅުނުއިރު އެއީ އެޓީމުން މުބާރާތުގެ ފައިނަލްގައި ކުޅުނު ފުރަތަމަ ފަހަރުވެސް މެ އެވެ. އެފަހަރު ފައިނަލްގައި 4-1 އިން ކްރޮއޭޝިއާ ވަނީ ފްރާންސް އަތުން ބަލިވެފަ އެވެ. ކުއާޓާގައި ކްރޮއޭޝިއާ އިން ވޯލްޑް ކަޕްގެ ފެވަރިޓުންގެ ގޮތުގައި ބެލުވުނު ބްރެޒިލް ކަޓުވާލުން ވެގެންދިޔައީ ގިނަ ބަޔަކަށް ހައިރާންކަން ގެނުވި ކަމަކަށްވާއިރު އެންމެފަހުން ކުޅުނު 11 މެޗުން ވެސް އެޓީމު ބަލިވެފައެއް ނުވެ އެވެ. އަދި ވޯލްޑް ކަޕްގެ ނޮކައުޓް ބުރުގައި އެންމެފަހުން ކުޅުނު 10 މެޗުގައި ގޯލް ކާމިޔާބުކޮށްފައިވުމަކީ މިރޭގެ މެޗަށް ނިކުންނައިރު ކްރޮއޭޝިއާގެ އިތުބާރު ބޮޑުވާ އެއް ސަބަބެވެ.

އާޖެންޓީނާ

ވޯލްޑް ކަޕްގެ ސެމީފައިނަލް މެޗަކުން އާޖެންޓީނާ މިހާތަނަށް ބަލިވެފައެއް ނުވެ އެވެ. އެގޮތުން އެންމެފަހުން އެޓީމުން ސެމީފައިނަލްގައި ބައްދަލުކުރީ ނެދަލޭންޑްސްއާ އެވެ.

ވޯލްޑް ކަޕްގައި ޔޫރަޕްގެ ޓީމުތަކާ ދެކޮޅަށް އެންމެފަހުން އާޖެންޓީނާ ކުޅުނު ހަތް މެޗުގެ ތެރެއިން 90 މިނެޓްތެރޭ އެޓީމަށް ހޯދިފައިވަނީ އެންމެ މޮޅެކެވެ. އެއީ މިފަހަރުގެ ވޯލްޑް ކަޕްގައި ޕޮލެންޑްގެ މައްޗަށް 2-0 އިން އާޖެންޓީނާ ހޯދި މޮޅެވެ. އަދި ޕެނަލްޓީގައި އާޖެންޓީނާ ވަނީ ދެ ފަހަރެއްގެ މަތިން ނެދަލޭންޑްސް ބަލިކޮށްފަ އެވެ.

މިރޭގެ މެޗުގައި ސަސްޕެންޝަނުގެ ސަބަބުން އާޖެންޓީނާގެ ފުލްބެކް މާކޮސް އަކުންޔާ އާއި ގޮންޒާލޯ މޮންޓިއެލް އަށް ނުކުޅެވޭނެ އެވެ. އަކުންޔާގެ ބަދަލުގައި މި މެޗުގައި ކުޅޭނީ ނިކޮލަސް ޓަގްލިއަފީކޯ އެވެ.

ކްރޮއޭޝިއާ

ޖެހިޖެހިގެން ދެވަނަ ފަހަރަށް ވޯލްޑް ކަޕްގެ ފައިނަލަށް ދިޔުމަށް ކްރޮއޭޝިއާ އަމާޒު ހިފާފައިވާއިރު، ވޯލްޑް ކަޕްގެ ފައިނަލަށް ޖެހިޖެހިގެން ދެ ފަހަރު މީގެކުރިން ދަތުރުކުރެވުނީ ޔޫރަޕްގެ އެންމެ ތިން ޓީމަށެވެ. އެއީ އިޓަލީ އާއި ޖަރުމަނު އަދި ނެދަލޭންޑްސް އެވެ.

ވޯލްޑް ކަޕްގައި ކްރޮއޭޝިއާ އެންމެފަހުން ކުޅުނު 9 މެޗުގައި ވެސް އެޓީމަށް ފުރަތަމަ ގޯލު ކާމިޔާބު ކުރެވިފައެއް ނުވެ އެވެ. ވޯލްޑް ކަޕް މެޗެއްގައި އެޓީމަށް ފުރަތަމަ ގޯލު އެންމެފަހުން ކާމިޔާބު ކުރެވުނީ 2018 ގައި އައިސްލޭންޑް އަތުން 2-1 އިން މޮޅުވި މެޗުގަ އެވެ.

މި މެޗަށް ނިކުންނައިރު އަނިޔާގެ އެއްވެސް މައްސަލައެއް ކްރޮއޭޝިއާ ޓީމުގައި ނެތެވެ.

ދެ ޓީމުގެ ކުރިމަތިލުންތައް

އާޖެންޓީނާ އާއި ކްރޮއޭޝިއާ މީގެކުރިން ފަސް ފަހަރެއްގެ މަތިން ބައްދަލުކޮށްފަ އެވެ. އޭގެތެރެއިން ކޮންމެ ޓީމަކުން ވެސް ދެ މެޗު ކާމިޔާބުކޮށްފައިވާއިރު އަނެއް މެޗު ނިމުނީ އެއްވަރުވެގެންނެވެ. މި ދެ ޓީމު އެންމެފަހުން ބައްދަލުކުރީ 2018 ގެ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގަ އެވެ. އެ މެޗު 3-0 އިން ކާމިޔާބުކުރީ ކްރޮއޭޝިއާ އިންނެވެ. މިއީ ވޯލްޑް ކަޕްގެ ނޮކައުޓް ބުރުގައި މި ދެ ޓީމު ބައްދަލުކުރާ ފުރަތަމަ ފަހަރެވެ.

އާޖެންޓީނާ އާއި ކްރޮއޭޝިއާ ބައްދަލުކުރާ މެޗު ފަށާނީ މިރޭ ރާއްޖެގަޑިން 12 ޖަހާއިރު އެވެ.