Last Updated: April 24, 23:11
Wednesday, April 24, 2024
ޚަބަރު

ހޭވައްލާ: މޮޓޯ ސްޕޯޓްސްގެ ހުނަރު ދައްކާލާނެ

އައްޑޫ މޮޓޯ ރޭސިން އެސޯސިއޭޝަންގެ ހަރަކާތްތަކުގެ ތެރެއިން / ފޮޓޯ: އަމްރާ

މޮޓޯ ސްޕޯޓްސް ކުޅިވަރު ހަރަކާތް ދައްކާލުމަށް އައްޑޫގައި "ހޭވައްލާ" ނަމުގައި ރޯޑު ޝޯ އެއް ބޭއްވުމަށް އައްޑޫ މޮޓޯ ރޭސިން އެސޯސިއޭޝަން ނިންމައިފި އެވެ.

ހޭވައްލާ ރޯޑު ޝޯއާއި ގުޅޭގޮތުން ރޯޑު ޝޯ އިންތިޒާމު ކުރާ އައްޑޫ މޮޓޯ ރޭސިންގް އެސޯސިއޭޝަންގެ (އަމްރާ) ސެކެރެޓެރީ ޖެނެރަލް އަމަން ވަހީދު ބުނީ މި ރޯޑު ޝޯއަކީ، އައްޑޫގައި ކުޅިވަރުގެ ރޫހު އާލާކޮށް އައްޑޫގައި ޒުވާނުންގެ ހުނަރު މި ކުޅިވަރު ތެރެއިން ދައްކާލުމަށް ބާއްވާ ހަރަކާތެއް ކަމަށެވެ. މީގެ އިތުރުން ހަރަކާތް އައްޑޫގެ ދެ ސަރަހައްދެއްގައި ދެ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އޭނާ އަމްރާއިން މައުލޫމާތު ދެއެވެ.

ހޭވައްލާ ރޯޑު ޝޯގައި ގިނަ ހަރަކާތްތަކެއް ފެނިގެން ދާއިރު މި ހަރަކާތުގައި އައްޑޫގެ ޓީމުގެ ތަކުގެ އިތުރުން މާލެއިންވެސް ޓީމެއް ބައިވެރިވެއެވެ. މި ހަރަކާތުގައި އާންމުންނަށް ގިނަ ތަފާތު ސްޓަންޓުތަކާއި ދުއްވުންތެރިންގެ ހުނަރު ފެނިގެން ދާނެ ކަމަށް އަމްރާއިން ވަނީ ބުނެއެވެ.

އައްޑޫ މޮޓޯ ރޭސިން އެސޯސިއޭޝަންގެ ހަރަކާތްތަކުގެ ތެރެއިން / ފޮޓޯ: އަމްރާ

އެގޮތުން މީދޫ ކޯގަންނު ގަބުރުސްތާނު ސަރަހައްދު ބަހާއުއްދީން މަގު ނިމޭ ހިސާބުގައި 23 ވަނަ ދުވަހު ހަރަކާތައް ކުރިއަށް ގެންދާނެއެވެ. އެދުވަހު ހަވީރު 4:00 އާއި 6:00 ދެމެދު ރައިޑަރުންގެ ހަރަކާތްތައް ފެނިގެން ދާނެއެވެ. މިއާއެކު 5:30 އިން ފެށިގެން އުޅަނދުތަކާއި އެކު ފޮޓޯ ނެގުމާއި ރައިޑަރުންނާއި ބައްދަލުކޮށް ފޮޓޯ ނެގުމަށް އާންމުންނަށް ފުރުސަތު ލިބިގެން ދާނެ ކަމަށް އަމްރާއިން ބުނެއެވެ.

ރޯޑު ޝޯގެ ގުޅިފައިވާ ރައްތަކުގައި ބާއްވާ ހަރަކާތް ކުރިއަށް ދާނީ ހިތަދޫގައެވެ. އެގޮތުން ހިތަދޫ ލިންކް ރޯޑުގެ އެމްއެންޔޫ ކެމްޕަސް ދިމާ ކަންމަތިން ފެށިގެން ބޭންކް އޮފް މޯލްޑިވްސް ދިމާ ކަންމަށްޗަށް ބަނދުކޮށް ހުނަރު ދައްކާލުމުގެ ހަރަކާތްތައް ކުރިއަށް ދާނެއެވެ. މި ހަރަކާތްވެސް ކުރިއަށް ދާނީ 23 ވަނަ ދުވަހުގެ ހަރަކާތް ކުރިއަށް ގެންދިޔަ ގޮތަށް އެއް ގަޑިއެއްގައެވެ.

އައްޑޫ މޮޓޯ ރޭސިން އެސޯސިއޭޝަންގެ ހަރަކާތްތަކުގެ ތެރެއިން / ފޮޓޯ: އަމްރާ

އައްޑޫގައި މޮޓޯ ރޭސިން ކުޅިވަރު ދިރުވައި ކުޅިވަރުގެ ރޫޙް އާލާ ކުރުމަށް އަމްރާއިން ކުރާ މަސައްކަތުގައި މިފަހަރުގެ ރޯޑު ޝޯ ގައި 18 ރައިޑަރުން ބައިވެރިވާނެ ކަމަށް އަމްރާއިން ބުނެއެވެ. އެގޮތުން 4 ޓީމެއް ހަރަކާތްތަކުގައި ބައިވެރިވާނެއެވެ. މިގޮތުން ހަރަކާތްތަކުގައި އައްޑޫއިން ބައިވެރިވާނީ އައްޑޫ ސްޓަންޓް ރައިޑާސް، މައިލޯ ސިޓީ ރޭސިންގް ކްލަބް އަދި ފޯލެންޑް ސިޓީ ރޭސިންގް ކަލްބަވެ. އަދި މާލެއިން ސިންކްރޯނިކް ރައިޑާޒްގެ ހަރަކާތްތައް ވެސް ރޯޑް ޝޯގައި ފެނިގެން ދާނެ ކަމަށް އަމްރާއިން ބުނެއެވެ.

މިއީ އައްޑޫގައި މޮޓޯ ސްޕޯޓްސް ކުޅިވަރު ކުރިއެރުވުމަށް ބާއްވާ މިފަދަ ފުރަތަމަ ރޯޑް ޝޯއެވެ. އައްޑޫގައި މިކުޅިވަރު ކުރިއެރުވުމަށް އަމްރާއިން މަސައްކަތް ކުރަމުންދާއިރު މަގުތައް އަމާން ކުރުމަށް އަމްރާއާއި އެކު ކުޅިވަރުގައި ބައިވެރިވާން ބޭނުންވާ ޒުވާނުން އައުމަށް އަމްރާއިން ދައްުވަތު ދެއެވެ.