ކްރޮއޭޝިއާ 3-0 އިން ބަލިކޮށް ފީފާ ވޯލްޑް ކަޕްގެ ފައިނަލަށް އާޖެންޓީނާ ދަތުރުކޮށްފި އެވެ.
މިއީ 2014 ވަނަ އަހަރަށްފަހު ވޯލްޑް ކަޕްގެ ފައިނަލަށް އާޖެންޓީނާ ދަތުރުކުރި ފުރަތަމަ ފަހަރެވެ. ފައިނަލްގައި އާޖެންޓީނާ ބައްދަލުކުރާނީ ފްރާންސް އާއި މޮރޮކޯ ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާ އެވެ.
ގަތަރުގެ ލުސައިލް ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި އާޖެންޓީނާގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެން ގޮސްފައިވާއިރު އެޓީމުގެ ފުރަތަމަ ގޯލް މެޗުގެ 32 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ލިއޮނަލް މެސީ އެވެ. މި ޕެނަލްޓީ އާޖެންޓީނާ އަށް ލިބުނީ އެޓީމުގެ ޒުވާން ފޯވާޑް ޖޫލިއަން އަލްވަރޭޒަށް ކްރޮއޭޝިއާގެ ގޯލްކީޕަރު ޑޮމިނިކް ލިވާކޮވިޗް ކުރި ފައުލަކާ ގުޅިގެންނެވެ. މިއީ މި މުބާރާތުގައި މެސީ ކާމިޔާބުކުރި ފަސްވަނަ ގޯލެވެ.
މި ގޯލަށްފަހު އާޖެންޓީނާ އިން މެޗުގެ ކޮންޓްރޯލް ހޯދިއިރު މެޗުގެ 39 ވަނަ މިނެޓްގައި އަލްވަރޭޒް ވަނީ އެޓީމުގެ ދެވަނަ ގޯލް ކާމިޔާބުކޮށްދީފަ އެވެ. އަލްވަރޭޒް މި ގޯލް ކާމިޔާބުކުރީ އާޖެންޓީނާ އިން އުފެއްދި ކައުންޓަ އެޓޭކެއްގައި ބޯޅަ ކްރޮއޭޝިއާގެ ޕެނަލްޓީއޭރިއާ ތެރެއަށް ވަދެ ފޮނުވާލި ހަމަލާއަކުންނެވެ.
ދެވަނަ ހާފްގައި ކްރޮއޭޝިއާ އިން ވަރަށް ބޮޑަށް ކުރިއަށް ޖެހިލައިގެން ކުޅުނުއިރު އާޖެންޓީނާ އިން ދިޔައީ ކައުންޓަ އެޓޭކުތަކުގައި ކްރޮއޭޝިއާގެ ގޯލަށް ނުރައްކާ ކުރަން މަސައްކަތް ކުރަމުންނެވެ. އެގޮތުން މެޗުގެ 58 ވަނަ މިނެޓްގައި ކްރޮއޭޝިއާގެ ޕެނަލްޓީއޭރިއާ ތެރޭ ހުރެ މެސީ ފޮނުވާލި ނުރައްކާތެރި ހަމަލާއެއް ކްރޮއޭޝިއާގެ ކީޕަރު ވަނީ ދިފާއުކޮށްފަ އެވެ. އެ ހަމަލާ ދިފާއުކުރި ނަމަވެސް މެސީ ދިން ޕާހަކުން މެޗުގެ 69 ވަނަ މިނެޓްގައި އަލްވަރޭޒް ވަނީ އާޖެންޓީނާގެ ތިންވަނަ ގޯލް ކާމިޔާބުކޮށްދީ އެޓީމަށް ފައިނަލުން ޖާގައެއް ކަށަވަރުކޮށްދީފަ އެވެ.
މިއީ ވޯލްޑް ކަޕް ދެ ފަހަރު ހޯދާފައިވާ އާޖެންޓީނާ ފައިނަލްގައި ވާދަކުރާ 6 ވަނަ ފަހަރެވެ. ފައިނަލް އޮންނާނީ އަންނަ އާދިއްތަ ދުވަހު އެވެ.