ފީފާ ވޯލްޑް ކަޕްގެ ސެމީފައިނަލަށް މޮރޮކޯ ދަތުރުކޮށްފައިވަނީ ނަސީބަކުން ނޫން ކަމަށް ފްރާންސްގެ ތަޖުރިބާކާރު ޑިފެންޑަރު ރަފޭލް ވަރާން ބުނެފި އެވެ.
ވޯލްޑް ކަޕްގެ ސެމީފައިނަލްގައި މިރޭ މޮރޮކޯ އާއި ފްރާންސް ބައްދަލުކުރާއިރު، މޮރޮކޯ ސެމީން ޖާގަ ހޯދީ ކުއާޓާފައިނަލްގައި ޕޯޗުގަލް 1-0 އިން ބަލިކުރުމަށްފަހު އެވެ. ފްރާންސް ސެމީ އަށް ދަތުރުކުރީ އިންގްލެންޑްގެ މައްޗަށް 2-1 އިން ކުރި ހޯދައިގެންނެވެ.
މިރޭގެ މެޗުގެ ކުރިން ވާހަކަދައްކަމުން ވަރާން ބުނީ ވޯލްޑް ކަޕްގެ ސެމީފައިނަލް މެޗެއް ފަސޭހަ ނުވާނެ ކަމަށާއި މޮރޮކޯ ސެމީ އަށް ދަތުރުކޮށްފައިވަނީ ނަސީބު އެހީވެގެން ނޫން ކަމަށެވެ. އެގޮތުން މިރޭގެ މެޗު ވެގެންދާނީ ފްރާންސަށް އުނދަގޫ މެޗަކަށް ކަމަށާއި މެޗުން މޮޅުވުމަށް ޓީމުގެ ހުރިހާ ކުޅުންތެރިން ވެސް ގަދައަޅާ މަސައްކަތް ކުރަންޖެހޭނެ ކަމަށް ވަރާން ބުންޏެވެ.
މިފަހަރުގެ ވޯލްޑް ކަޕްގައި މޮރޮކޯ ކޮޅަށް ވަދެފައިވަނީ އެންމެ ގޯލެއް ކަމަށްވާއިރު މުބާރާތުގައި ފެނިގެންދާ އެންމެ ބަރާބަރު ޑިފެންސް އޮތީ މޮރޮކޯގައި ކަމަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ.
ވަރާން ބުނީ މޮރޮކޯގައި އޮތީ ވަރުގަދަ ޓީމެއް ކަމަށާއި ޑިފެންސްގެ އިތުރުން ކައުންޓަ އެޓޭކުތަކާއި އަދި ހިލޭޖެހުންތަކަކީ އިދިކޮޅު ޓީމަށް ނުރައްކާ ކުރަން މޮރޮކޯ އިން ބޭނުން ކުރާ ވަރުގަދަ ހަތިޔާރުތައް ކަމަށެވެ.
"އަހަރަމެން އުއްމީދު މިކުރަނީ ވަރަށް އުނދަގޫ މެޗަކަށް. މޮރޮކޯ މިހާ ހިސާބަށް އައީ ނަސީބަކުން ނޫން." ވަރާން ބުންޏެވެ.
ފްރާންސަކީ ވޯލްޑް ކަޕްގެ އެންމެފަހުގެ ޗެމްޕިއަނުން ކަމަށްވާއިރު މިއީ ވޯލްޑް ކަޕެއްގެ ސެމީގައި މޮރޮކޯ ކުޅޭ ފުރަތަމަ ފަހަރެވެ.
ފްރާންސް އާއި މޮރޮކޯ ބައްދަލުކުރާ މެޗު ފަށާނީ މިރޭ ރާއްޖެގަޑިން 12 ޖަހާއިރު އެވެ.