ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް ކާމިޔާބު ކުރުމަކީ މޮރޮކޯގެ ހުވަފަނެއް ކަމަށް އެޓީމުގެ ކޯޗު ވާލިދް ރެގްރަގޫ ބުނެފި އެވެ.
ވޯލްޑް ކަޕްގެ ސެމީފައިނަލްގައި މިރޭ ފްރާންސާއި ދެކޮޅަށް މޮރޮކޯ ނިކުންނައިރު، މޮރޮކޯ އަކީ މިފަހަރުގެ މުބާރާތުގައި އެންމެ ހައިރާންކުރަނިވި ނަތީޖާތައް ނެރެމުންދާ ޓީމެވެ. އެގޮތުން މުބާރާތުގެ ދެވަނަ ބުރުގައި އެޓީމުން ސްޕެއިން ބަލިކުރިއިރު ކުއާޓާފައިނަލްގައި އެޓީމުން ކުރި ހޯދީ ޕޯޗުގަލްގެ މައްޗަށެވެ. އަދި ގްރޫޕް ސްޓޭޖުގައި މޮރޮކޯ އިން ވަނީ ފީފާ ވޯލްޑް ރޭންކިންގެ ދެވަނައިގައި އޮތް ބެލްޖިއަމް ވެސް ބަލިކޮށްފަ އެވެ. މިއީ ވޯލްޑް ކަޕްގެ ސެމީފައިނަލްގައި މޮރޮކޯ ކުޅޭ ފުރަތަމަ ފަހަރުވެސް މެ އެވެ.
މިރޭގެ މެޗުގެ ކުރިން ނޫސްވެރިންނާ ވާހަކަދައްކަމުން ވާލިދު ބުނީ ވޯލްޑް ކަޕް ކާމިޔާބު ކުރުމަކީ މޮރޮކޯގެ ހުވަފަނެއް ކަމަށް މުބާރާތް ފެށުމުގެ ކުރިން ވެސް ބުނި ކަމަށާއި މުބާރާތުގައި ކުރިއަށް ދެވޭ ވަރަކަށް އެ ހުވަފަނާއި ގާތްވަމުންދާ ކަމަށެވެ. އަދި މުބާރާތުގެ ސެމީއަށް ދެވުމުން ނުފުދޭ ކަމަށާއި މޮރޮކޯ އޮތީ މުބާރާތުގައި އިތުރަށް ކުރިއަށްދާން ކެތްމަދުވެފައި ކަމަށް ވާލިދް ބުންޏެވެ.
ވާލިދް ބުނީ މިރޭގެ މެޗުގެ ފެވަރިޓުންނަށް މޮރޮކޯ ނުވި ނަމަވެސް އެޓީމު އޮތީ އިތުރު ވަރުގަދަ ޓީމެއް ބަލިކުރެވޭނެ ކަމުގެ އިތުބާރާއެކު ކަމަށެވެ. އަދި މޮރޮކޯ ކުޅުންތެރިން ވަރުބަލިވެފައިވާ ކަމަށް ބައެއް ފަރާތްތަކަށް ހީވާ ކަމަށާއި ނަމަވެސް އެއީ ކުށްހީއެއް ކަމަށްވެސް އޭނާ ބުންޏެވެ.
"ބައެއް ފަރާތްތަކުން ބުނި މީގެ ކުރީގެ މެޗުތައް ފެށުމުގެ ކުރިން ވެސް އަހަރަމެން ތިބޭނީ ވަރުބަލިވެފައޭ. ވޯލްޑް ކަޕް ސެމީއަކަށް އެއްވެސް ބަޔަކު ވަރުބައްޔެއް ނުވާނެ. އަހަރަމެން މިތިބީ އިތުރު ކަންކަމަށް އަދިވެސް ކެތްމަދުވެފައި." ވާލިދް ބުންޏެވެ.
މިިރޭގެ މެޗަށް ނިކުންނައިރު އަނިޔާގެ މައްސަލަތަކެއް މޮރޮކޯ ޓީމަށް ދިމާވެފައިވާއިރު ވާލިދް ވަނީ ޓީމުގައި އޮތީ ވަރުގަދަ މެޑިކަލް ޓީމެއް ކަމުން އެންމެފަހު ވަގުތާ ޖެހެންދެން ވެސް ކުޅުންތެރިންނަށް އެރޭތޯ ބަލަން މަޑުކުރާނެ ކަމަށް ބުނެފަ އެވެ.