ފީފާ ވޯލްޑް ކަޕްގެ ސެމީ ފައިނަލްގައި އާޖެންޓީނާ އާއި ކްރޮއޭޝިއާ ރޭ ބައްދަލުކުރި މެޗުގެ ރެފްރީ އަށް ކްރޮއޭޝިއާގެ ކެޕްޓަން ލޫކަ މޮޑްރިޗް ފާޑުކިޔައިފި އެވެ.
ކްރޮއޭޝިއާގެ މައްޗަށް އާޖެންޓީނާ އިން 3-0 އިން ރޭ ކުރި ހޯދި މެޗުގެ ރެފްރީކަން ކޮށްފައިވަނީ އިޓަލީގެ ޑެނިއެލޭ ޑެނިއޭލޭ އޯސާޓޯ އެވެ. ރޭގެ މެޗުގައި އާޖެންޓީނާ އިން ޖެހި ފުރަތަމަ ގޯލަކީ އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކުރި ގޯލެއް ކަމަށްވާއިރު ކްރޮއޭޝިއާ ކުޅުންތެރިން ވަނީ އެއީ ޕެނަލްޓީއެއް ނޫން ކަމަށް ބުނެ ދަނޑު މަތީގައި ޝަކުވާކޮށްފަ އެވެ.
މެޗަށްފަހު ވާހަކަދައްކަމުން މޮޑްރިޗް ބުނީ ޕެނަލްޓީ ދިނުމާ ހަމައަށް ކްރޮއޭޝިއާ ދިޔައީ ރަނގަޅަށް ކުޅެމުން ކަމަށާއި އެއީ ދީގެން ވާނެ ޕެނަލްޓީއެއް ކަމަށް ގަބޫލުނުކުރާ ކަމަށެވެ. ރެފްރީންނާ ގުޅޭގޮތުން އާންމުކޮށް ވާހަކަ ނުދައްކާ ކަމަށާއި ނަމަވެސް ރޭގެ މެޗުގެ ރެފްރީއާ ގުޅޭގޮތުން ވާހަކަ ނުދައްކާ ހުރުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް މޮޑްރިޗް ބުންޏެވެ.
"އަހަރެން މި ދައްކަނީ ހަމައެކަނި ރޭގެ މެޗުގެ ވާހަކައެއް ނޫން. މީގެކުރިން ވެސް އޭނާ ރެފްރީކަން ކުރި މެޗުތައް އެބަހުރި އަހަންނާ ދިމާވެފައި. އޭނާއާ ގުޅޭ ރަނގަޅު އެއްވެސް ހަނދާނެއް އަހަރެންގެ ނެތް. މިއީ އަހަންނަށް ފެނުނު އެންމެ ފެންވަރު ދަށް އެއް ރެފްރީ." މޮޑްރިޗް ބުންޏެވެ.
މޮޑްރިޗް ބުނީ ފައިނަލަށް ދިޔުމުން އާޖެންޓީނާ އަށް މަރުހަބާ ކިޔާ ކަމަށާއި އެޓީމު ފައިނަލަށް ދިޔުން ހައްގު ކަމަށެވެ. ނަމަވެސް ޕެނަލްޓީއާއެކު މެޗުގެ ތެރެއަށް އެނބުރި އަންނަން ކްރޮއޭޝިއާ ޓީމަށް އުނދަގޫވި ކަމަށް އުމުރުން 37 އަހަރުގެ މިޑްފީލްޑަރު ބުންޏެވެ.
މުބާރާތުގެ ސެމީފައިނަލުން ބަލިވުމުން ކްރޮއޭޝިއާ އަށް ދެން އޮންނާނީ މުބާރާތުގެ ތިންވަނަ ހޮވާ މެޗެވެ. އެ މެޗުގައި ކްރޮއޭޝިއާ ބައްދަލުކުރަން ޖެހޭނީ މިރޭ ފްރާންސާއި މޮރޮކޯ ކުޅޭ މެޗުން ބަލިވާ ޓީމަކާ އެވެ. ތިންވަނަ ހޮވާ މެޗު އޮންނާނީ އަންނަ ހޮނިހިރު ދުވަހު އެވެ.