Last Updated: July 16, 18:01
Thursday, July 16, 2026
ކުޅިވަރު

މިއީ އަހަރެންގެ ފަހު ވޯލްޑް ކަޕް: މެސީ

މިއީ އޭނާ ކުޅޭނެ އެންމެ ފަހު ވޯލްޑް ކަޕް ކަމަށް އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ބުނެފި އެވެ.

ވޯލްޑް ކަޕްގެ ސެމީފައިނަލްގައި ރޭ ކްރޮއޭޝިއާ 3-0 އިން ބަލިކޮށް އާޖެންޓީނާ މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފައިވާ އިރު މިއީ މި މުބާރާތުގެ ފައިނަލަށް އެޓީމު ދަތުރުކުރި ހަ ވަނަ ފަހަރެވެ. އާޖެންޓީނާ އަށް އެންމެފަހުން ވޯލްޑް ކަޕެއް ކާމިޔާބު ކުރެވިފައިވަނީ 1986 ވަނަ އަހަރު އެވެ.

ރޭގެ މެޗަށްފަހު ވާހަކަދައްކަމުން މެސީ ބުނީ މިއީ އޭނާގެ ފަހު ވޯލްޑް ކަޕް ކަމަށާއި މިފަހަރުގެ ވޯލްޑް ކަޕްގެ ފައިނަލްގައި ކުޅުމުގެ ފުރުސަތު ލިބޭތީ އެކަމާ ވަރަށް ޝައުގުވެރިވާ ކަމަށެވެ. އަދި ދެން އޮތް ވޯލްޑް ކަޕާއި ދެމެދު ގިނަ އަހަރުތަކެއް އަދި އޮތްކަން ފާހަގަކުރަމުން މެސީ ވަނީ އޭނާގެ އުމުރު އޭރަށް ގޮސްފައި ހުރި ހިސާބުން އެ މުބާރާތުގައި ކުޅެވޭނެ ކަމަށް ގަބޫލުނުކުރާ ކަމަށް ބުނެފަ އެވެ.

މި ފަހަރުގެ ފައިނަލް ވެގެންދާނީ މެސީ ،35، ކުޅޭ ދެވަނަ ވޯލްޑް ކަޕްގެ ފައިނަލަށެވެ. އެގޮތުން 2014 ގެ ވޯލްޑް ކަޕްގެ ފައިނަލްގައި އާޖެންޓީނާ ވަނީ ޖަރުމަނު އަތުން 1-0 އިން ބަލިވެފަ އެވެ.

މެސީ ބުނީ އުއްމީދަކީ މިފަހަރު ނަތީޖާ އަނެއްކޮޅަށް އެނބުރުން ކަމަށާއި ފައިނަލަށް ދެވި އަދި ޓީމަށް އެހީވެވޭތީ އެކަމާ ވަރަށް އުފާކުރާ ކަމަށެވެ. އަދި މުބާރާތުގެ ފުރަތަމަ މެޗުގައި ސައުދީ އަރަބިއްޔާ އަތުން ބަލިވުމުން އުނދަގޫތަކެއް ކުރިމަތިވި ކަމަށާއި ނަމަވެސް އާޖެންޓީނާ އަކީ ކިހާ ވަރުގަދަ ބައެއްކަން ސާބިތުކޮށްދީފައިވާ ކަމަށް މެސީ ބުންޏެވެ.

އަންނަ އާދީއްތަ ދުވަހު ކުޅޭ ފައިނަލްގައި އާޖެންޓީނާ ބައްދަލުކުރާނީ މިރޭ ފްރާންސާއި މޮރޮކޯ ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާ އެވެ.