Last Updated: July 27, 18:03
Monday, July 27, 2026
މުނިފޫހިފިލުވުން

ވަރޫން އަކީ "5 މިނިޓް ކާ ސުޕަހީރޯ"

ޑައިރެކްޓަރު އަނީސް ބަޒްމީއާ އެކީ ވަރޫން ދަވަން ފިލްމެއްގެ މަސައްކަތް ފަށަން ތައްޔާރުވަމުން އަންނަ ކަމަށް ދާދި ފަހުން ރިޕޯޓްކޮށްފައި ވަނިކޮށް، އޭގެ ނަމުގެ ވާހަކަ މިހާރު ދެކެވެން ފަށައިފި އެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން ބުނި ގޮތުގައި މި ފިލްމުގެ ނަމަކީ "5 މިނިޓް ކާ ސުޕަހީރޯ" އެވެ. އަދި މީގައި ކިޔައިދޭނީ އާދަޔާހިލާފު ބާރުތަކެއް ލިބިފައިވާ މީހެއްގެ އެ ބާރުތައް ފަސް ވަރަކަށް މިނިޓްގެ ތެރޭގައި ގެއްލުމުން ދެން ދިމާވާ ކަންތައްތަކެވެ.

ބޮލީވުޑް ހަންގާމާ އިން ބުނި ގޮތުގައި މިއީ ޑައިރެކްޓަރު އަނީސްގެ ޑްރީމް ޕްރޮޖެކްޓެކެވެ. އަދި ފިލްމުގެ ޕްލޮޓް ވަރޫން އަށް ނެރޭޓްކޮށް ދީފައިވާ އިރު، އެއަށް އޭނާ ވަރަށް ބޮޑު ޝައުގުވެރިކަމެއް ފާޅުކޮށްފައިވެ އެވެ. އެހެންވެ "5 މިނިޓް ކާ ސުޕަހީރޯ" ގެ ސްކްރިޕްޓް އެއްކޮށް ނިންމާލުމަށް ފަހު، މާ ލަސްތަކެއް ނުވެ ފިލްމު ރަސްމީކޮށް އިއުލާން ކުރާނެ އެވެ.

އާންމުކޮށް ކޮމެޑީ ފިލްމުތައް ގެނެސްދޭ އަދި މިހާތަނަށް އެތައް ފިލްމެއް ހަދާފައިވާ އަނީސްގެ އެންމެ ފަހުގެ ފިލްމަކީ މި އަހަރުގެ އެންމެ ކާމިޔާބު ފިލްމުތަކުގެ ތެރޭގައި ހިމެނޭ "ބޫލް ބުލައްޔާ 2" އެވެ. ރިޕޯޓްތައް ބުނާ ގޮތުން ވަރޫން އަށް ހުށަހަޅާފައިވާ ފިލްމުގެ އިތުރަށް އަނީސް އަންނަނީ ޝާހިދު ކަޕޫރާ އެކީ ވެސް ކޮމެޑީއެއް ހަދަން ތައްޔާރުވަމުންނެވެ. އަދި އޭގެ ޝޫޓިން އަންނަ އަހަރުގެ މާޗް މަހުގެ ތެރޭގައި ފަށާނެ އެވެ.

ވަރޫންގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ މަހު ރިލީޒްކުރި "ބޭޅިޔާ" އެވެ. އޭނަ ދެން އެންމެ އަވަހަށް ފެންނާނީ ޖާންވީ ކަޕޫރާ އެކީ އެޕްރީލް 7 އަށް ތާވަލުކޮށްފައި އޮތް ޑައިރެކްޓަރު ނިތޭޝް ތިވާރީގެ "ބަވާލް" އިންނެވެ.