2018 ވަނަ އަހަރު އޮގަސްޓް މަހުގެ 31 ވަނަ ދުވަހުގެރޭ އެމްއެމްއޭ ސަރަޙައްދުގައި ތޫނު އެއްޗަކުން ހަމަލާދީ މަރާލި ގދ. ފަރެސްމާތޮޑާ، ކޮކާ، އިބްރާހިމް އާގިލްގެ މަރުގެ މައްސަލައިގައި މިއަދަށް ތާވަލުކުރި އަޑުއެހުން ކެންސަލް ކޮށްފިއެވެ.
އާގިލް މަރާލި މައްސަލައިގައި ދައުވާ އުފުލާފައިވާ މީހުންގެ ޝަރީއަތުގެ އަޑުއެހުމެއް ތާވަލުކޮށްއޮތީ މިއަދު ހެނދުނު 09:00 އަށެވެ. އެހެންނަމަވެސް އަޑުއެހުން ކެންސަލް ކޮށްފައިވަނީ މައްސަލަ ބައްލަވާ ގާޒީ ރަސްމީދަތުރުފުޅެއްގައި ރާއްޖެއިން ބޭރުގައި ހުންނެވުމުންނެވެ.
އާގިލް މަރާލި މައްސަލައިގައި ލ. ފޮނަދޫ، ހިޔާ، ހަމްދޫން ހަމްޒަތާއި، ސ. ހިތަދޫ، ސްވޭހުހީނާގެ، އަލީ މިޖުވާދު މާލިކު އިބްރާހިމްގެ މައްޗަށް ގަސްދުގައި މީހަކު މެރި ކަމުގެ ދައުވާ އުފުލާފައިވެއެވެ. އަދި ހއ. ދިއްދޫ ސްނޯބާޑް، އިބްރާހިމް ވިޝާމްގެ މައްޗަށް ތޫނު އެއްޗެއް ނުވަތަ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގައި އެހީތެރިވުމުގެ ދައުވާ އުފުލާފައިވެއެވެ.
އާގިލް މަރުގެ މައްސަލައިގެ އަޑުއެހުމެއް އެންމެފަހުން ބާއްވާފައިވަނީ މިދިޔަ ޖޫން މަހުއެވެ. މައްސަލައިގައި މިހާރު ކުރިއަށްދަނީ ހެކިބަސް ނެގުމުގެ މަރުހަލާއެވެ.
މި މައްސަލައިގައި މީގެކުރިން ކޯޓުގައި ހެކިބަސްދިން ހެކިވެރިއަކު ބުނެފައިވަނީ އާގިލްގެ ހަށިގަނޑަށް ލިބިފައިވާ އެންމެ ބޮޑު ޒަހަމްކަމަށް ފެންނަން ހުރީ މޭމަތީގައި ފެންނަން ހުރި ޒަހަމް ކަމަށެވެ. އެގޮތުން މޭމަތީގެ ވައަތްފަޅިން 1.5 އިންޗި ފުނަށް ކަނޑައިގެން ގޮސްފައި ހުރިކަމަށާއި، ވާއަތު ބުމަޔާ ދިމާލުންވެސް ބޮޑުކޮށް ކަނޑައިގެން ގޮސްފައިވާކަމަށެވެ. މީގެއިތުރުންވެސް ހަށިގަނޑުގެ އެކި ތަންތަނަށް ތޫނު އެއްޗެހި ބޭނުންކޮށްގެން އަނިޔާދީފައިވާކަމަށެވެ.