Last Updated: June 14, 18:18
Sunday, June 14, 2026
ޚަބަރު

ގައްދޫ ގޭދޮށު މަސް ފެކްޓްރީ ލަންކާ ކުންފުންޏަކަށް

ގދ. ގައްދޫގައި ހަދަން ނިންމާފައިވާ ގޭދޮށު މަސް ފެކްޓްރީގެ މަސައްކަތް ސްރީ ލަންކާގެ ކުންފުންޏަކާ ހަވާލުކޮށްފި އެވެ.

އެ ރަށު ކައުންސިލުން އެ މަސައްކަތް ލަންކާގެ ސިލިކް ލަންކާއާ ހަވާލުކޮށް، އެކަމުގެ ރަސްމީ އެއްބަސްވުމުގައި ސޮއި ވެސް ކޮށްފަ އެވެ. އެކަމަށްޓަކައި ގައްދޫގައި ބޭއްވި ރަސްމިއްޔާތެއްގައި ފިޝަރީޒް މިނިސްޓަރު ޑރ. ޙުސައިން ރަޝީދު ހަސަން ވެސް ބައިވެރިވަޑައިގެންނެވި އެވެ.

ގައްދޫ ގޭދޮށު މަސް ފެކްޓްރީ އަކީ ކޮންޓްރެކްޓަ ފައިނޭންސް އުސޫލުން 5 މިލިއަން ޑޮލަރުގެ މަޝްރޫއެކެވެ. އެ ރަށު ކައުންސިލްގެ ރައީސް މުހައްމަދު އަހުމަދު ވިދާޅުވީ މި މަޝްރޫއު ލަންކާ ކުންފުންޏަކާ ހަވާލުކުރީ އެތަނުގެ އޮޕަރޭޝަންގެ 60 ޕަސެންޓް މުވައްޒަފުންގެ ގޮތުގައި ދިވެހި މުވައްޒަފުން ހިމެނުމާއި މަސް ޕްރޮސެސްކޮށް އެކްސްޕޯޓް ކުރެވޭނެ އެންމެ ޒަމާނީ ނިޒާމެއް ގާއިމު ކުރުމަށެވެ.

މީގެ އިތުރުން މި މަޝްރޫއުގެ ތެރޭގައި ދަޅު މަސް ބަންދުކުރުމާއި، 25 މެޓްރިކް ޓަނުގެ ބްލޮކް އައިސް ޕްލާންޓެއް ގާއިމުކުރުމާއި، 10 ޓަނުގެ ފްލޭކް އައިސް ޕްލާންޓެއް ގާއިމްކުރުމާއި 100 ޓަނުގެ ކޯލްޑް ސްޓޯރޭޖަކާއި، ބްލާސްޓް ފްރީޒާއެއް ބެހެއްޓުމުގެ އިތުރަށް އެއް މިލިއަން ޑޮލަރުގެ ފިޝް މީލް ޕްލާންޓެއް ގާއިމުކުރުން ވެސް ހިމެނެ އެވެ.

ގައްދޫ ގޭދޮށު މަސް ފެކްޓްރީ ސިލިކް ލަންކާއާ ހަވާކުރީ އަހަރު ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.