Last Updated: July 27, 18:03
Monday, July 27, 2026
މުނިފޫހިފިލުވުން

ކިއާރާގެ ފުރަތަމަ ފެނިލުން އެންމެ 8 މަހުގައި

ބަތަލާ ކިއާރާ އަދުވާނީ އަކީ މި ވަގުތު ބޮލީވުޑްގައި ތިބި ޒުވާން ބަތަލާއިންގެ ތެރެއިން އެންމެ ޑިމާންޑް ބޮޑު އެކެކެވެ. އޭނަގެ ދެ ފިލްމެއް މި އަހަރުގެ މިހާތަނަށް ރިލީޒްވެފައިވާ އިރު، 30 އަހަރުގެ ބަތަލާގެ މި އަހަރުގެ ތިން ވަނަ ފިލްމު "ގޯވިންދާ ނާމް މޭރާ" އަންނަ ހުކުރު ދުވަހު ޑިޒްނީ ޕްލަސް ހޮޓްސްޓާ އަށް ދޫކޮށްލާނެ އެވެ.

ކިއާރާގެ މި އަހަރުގެ އެހެން ފިލްމުތަކަކީ "ބޫލް ބުލައްޔާ 2" އާއި "ޖުގް ޖުގް ޖިއޯ" އެވެ. އެކަމަކު ދައްކަން މި އުޅެނީ އޭނަގެ މި ފިލްމުތަކުގެ ވާހަކައެއް ނޫނެވެ. ލީޑް ބަތަލާއެއްގެ ގޮތުގައި ބޮލީވުޑަށް ނުކުތުމުގެ މާ ކުރީގެ ވާހަކައެކެވެ. އެއީ އުމުރުން 8 މަހުގައި ކިއާރާ ފެނިގެން ދިޔަ ޓީވީ އިޝްތިހާރެއްގެ ވާހަކަ އެވެ.

ކުޑަކުދިން ރީތިކުރާ ސާމާނުގެ ބްރޭންޑެއްގެ އެ އިޝްތިހާރުގައި ކިއާރާ ފެނިފައި ވަނީ އޭނަގެ މަންމަ ޖެނެވީވް އަދުވާނީއާ އެކީގަ އެވެ. މި އިޝްތިހާރު އެތައް ޒަމާނެއް ފަހުން ފެނުނު ވާހަކަ ކިއާރާ އިންސްޓަގްރާމްގައި ހިއްސާކުރީ 2016 ގެ މޭ މަހު އެވެ. އެއީ އަހަރުގެ މަދާސް ޑޭއާ ދިމާކޮށެވެ.

ކިއާރާ ބޮލީވުޑަށް ނުކުތީ 2014 ގެ "ފަގްލީ" އިންނެވެ. އޭގެ ފަހުން މިހާތަނަށް ކާމިތާބު ފިލްމުތަކެއް އޭނަ ކުޅެފައިވެ އެވެ. އަދި ކިއާރާ އަކީ މިހާރު ޑައިރެކްޓަރު/ޕްރޮޑިއުސަރު ކަރަން ޖޯހަރުގެ އެންމެ ބޮޑު އެއް ފެވަރިޓް ވެސް މެ އެވެ.

އެކްޓަރު ސިދާތު މަލްއުތުރާއާ ރައްޓެވިގެން އުޅޭ ކިއާރާގެ އަންނަ އަހަރުގެ ފިލްމުތަކުގެ ތެރޭގައި "ސަތިއަޕްރޭމް ކީ ކާތާ" އާއި ޑައިރެކްޓަރު ޝަންކަރްގެ ފިލްމެއް ހިމެނެ އެވެ.