Last Updated: June 24, 00:19
Tuesday, June 23, 2026
ޚަބަރު

އޭޑީކޭ އަށް އާސަންދަ އިން ބޮޑު އާމްދަނީއެއް

އޭޑީކޭ ހޮސްޕިޓަލްގެ ހިދުމަތްތަކުގެ އަގު ބޮޑުކުރަން ނިންމި އިރު، މި އަހަރު ވެސް އެ ހޮސްޕިޓަލަށް އާސަންދައިން ބޮޑު އާމްދަނީ ލިބިއްޖެ އެވެ.

އާސަންދަ ކުންފުނިން "އައްޑޫ ލައިވް" ހޯދާފައިވާ މައުލޫމާތުކަށް ބަލާ އިރު މި އަހަރުގެ އޮގަސްޓް މަހާ ހަމައަށް އާސަންދައިން އެ ހޮސްޕިޓަލަށް 104 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.

އޭޑީކޭ އަކީ ރާއްޖޭގައި ހިންގާ އެންމެ ދުވަސްވީ ޕްރައިވެޓް އަދި އެންމެ ބޮޑު އެއް ޕްރައިވެޓް ހޮސްޕިޓަލެވެ. މާލޭގައި ހުރި މި ހޮސްޕިޓަލަކީ ރާއްޖޭގެ އެކި ހިސާބުތަކުން މީހުން ސިއްހީ ފަރުވާ ފުޅާ ދާއިރާއެއްގައި ހޯދަމުން އަންނަ ތަނެކެވެ.

އަންނަ މަހުން ފެށިގެން ޓެކްސް ބޮޑުވާ އިރު، އޭޑީކޭގެ ހިދުމަތްތައް އަގު ބޮޑުކުރަން ނިންމިކަން އެ ހޮސްޕިޓަލުން އިއްޔެ އިއުލާންކުރުމާ ގުޅިގެން ވަރަށް ގިނަ ބަޔަކު މިހާރު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އޭޑީކޭ އިން ނެރުނު ބަޔާނެއްގައި ބުނީ 2020 ވަނަ އަހަރުން ފެށިގެން ދުނިޔޭގެ އިގްތިސާދަށް ކުރިމަތިވި ހީނަރުކަމާ ގުޅިގެން އިންފްލޭޝަން ރޭޓު މަތިވެ، މުދަލާއި ހިދުމަތުގެ އަގުތައް ރާއްޖެ އާއި ރާއްޖޭން ބޭރުގައި ވެސް ބޮޑުވެފައިވާ ކަމަށެވެ. އެގޮތުން އޭޑީކޭ ހޮސްޕިޓަލުގެ ހިންގުމުގެ ހަރަދުތައް ވެސް އެތައް ގުނައަކުން ބޮޑުވެެފައިވާ ކަމަށް ބުންޏެވެ.

އެހެންވެ އޭގެ ސަބަބުން ދެމެހެއްޓެނިވި ގޮތެއްގައި ހިދުމަތް ފޯރުކޮށް ދިނުމަށްޓަކައި އެ ހޮސްޕިޓަލުން ދެމުންގެންދާ ހިދުމަތްތަކުގެ އަގުތައް މި މަހުގެ މާދަމާ އިމް ފެށިގެން ބޮޑު ކުރުމަށް ނިންމާފައިވާ ކަމަށް ބުންޏެވެ. އަދި އަގުތަކަށް ބަދަލު ގެންނާނީ އެކި މަރުހަލާތަކަށް ބަހާލައިގެން ބުންޏެވެ.

އެ ހޮސްޕިޓަލުން ބުނި ގޮތުގައި ހިދުމަތްތަކުގެ އަގު މާދަމާ އިން ފެށިގެން 10-15 ޕަސެންޓަށް ބޮޑުވާނެ އެވެ. އެގޮތުން މިހާރު ބައެއް ހިދުމަތްތަކުގެ އަގުތަކަށް ގެނައި ބަދަލަށް ބަލާ އިރު، އާންމު ބަލިތަކަށް ދެއްކުމަށް ނަގަމުން އައި 150ރ. ވަނީ 200ރ. އަށް ބޮޑުކޮށްފަ އެވެ. މީގެ އިތުރުން ސްޕެޝަލިސްޓް ޑޮކްޓަރަށް ދެއްކުމަށް ކުރިން ނަގަމުން އައި 300ރ. މާދަމާ އިން 500ރ. އަށް، ސުޕަ-ސްޕެޝަލިސްޓަށް ދެއްކުމަށް ނަގަމުން އައި 500ރ. މާދަމާ އިން ފެށިގެން 700ރ. އަށް އަދި ދަތުގެ ފަރުވާތަކަށް ކުރިން ނަގަމުން އައި 300ރ. މާދަމާ އިން ފެށިގެން 350ރ. އަށް ބޮޑުވާނެ އެވެ.

އޭޑީކޭ ހިންގަމުން އަންނަނީ ސަރުކާރުން 50 އަހަރަށް ދީފައިވާ ބިމެއްގަ އެވެ.