Last Updated: July 27, 18:03
Monday, July 27, 2026
މުނިފޫހިފިލުވުން

ރަންބީރާއި ޝްރަދާގެ ފިލްމުގެ ޓީޒާއެއް

ބޮލީވުޑްގެ ދެ ތަރިން ކަމަށްވާ ރަންބީރް ކަޕޫރާއި ޝްރަދާ ކަޕޫރްގެ ޖޯޑު ސްކްރީނުން ފެންނާނެ ފުރަތަމަ ފިލްމުގެ ޓީޒާއެއް މިއަދު އާންމުކޮށްފި އެވެ.

ދެހާސް ނަވާރައިގައި އިއުލާންކުރި ފިލްމުގެ ޓީޒާއެއް މިއަދު އާންމުކުރީ ފުރަަތަމަ ފަހަރަށް އޭގެ ނަމާ އެކީ ވެސް އެކީގަ އެވެ. ދެހާސް އަށާރައިގެ އެންމެ ބޮޑެތި ހިޓްތަކުގެ ތެރޭގައި ހިމެނުނު "ސޯނޫ ކީ ޓިޓޫ ކީ ސްވީޓީ" ގެ ޑައިރެކްޓަރު ލަވް ރަންޖަންގެ އާ ފިލްމުގެ ނަމަކީ "ތޫ ޖޫޓީ މޭ މައްކާރް" އެވެ.

ޓީޒާ އިން ފެންނަ ގޮތުގައި މިއީ "ވަރަށް ފިލްމީ ސްޓައިލް" ގެ ރޮމޭންޓިކް ކޮމެޑީއެކެވެ. އަދި މީގެ އެންމެ ބޮޑު އެއް ހައިލައިޓަކަށް ވާނީ ރަންބީރާއި ޝްރަދާގެ ކެމިސްޓްރީ އެވެ. ލަވްގެ ފިލްމުތަކަކީ އަބަދު ވެސް ވަރަށް ކުލަގަދަ، ހިތްގައިމު ފިލްމުތަކަށްވާތީ "ތޫ ޖޫޓީ މޭ މައްކާރް" ވާނީ ލޯބީގެ ފިލްމުތަކަށް ލޯބިކުރާ މީހުން ވަރަށް އުފާކޮށްދޭ ކަހަލަ ފިލްމަކަށެވެ.

ބެލުންތެރިންނަށް މި ފިލްމު ހާއްސަވާނެ އިތުރު ސަބަބެއް ވެސް އެބައޮތެވެ. އެއީ މަޝްހޫރު އެކްޓަރު އަނިލް ކަޕޫރްގެ ބޭބެ އަދި ކުރީގެ ބަތަލާ ސްރީދޭވީގެ ފިރިމީހާ ބޯނީ ކަޕޫރް އަލަށް ފިލްމަކުން ފެނުމެވެ. ބޯނީ އަކީ ތަރިން ކަމަށްވާ އަރުޖުން ކަޕޫރާއި ޖާންވީ ކަޕޫރްގެ ބައްޕަ އެވެ. "ތޫ ޖޫޓީ މޭ މައްކާރް" ގެ ކާސްޓްގައި ޑިމްޕަލް ކަޕާޑިއާ ވެސް ހިމެނެ އެވެ.

ބެލުންތެރިންނަށް މި ދޫކޮށްލަން ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ މާޗް 8 ގަ އެވެ.

"ތޫ ޖޫޓީ މޭ މައްކާރް" އާ ބެހޭ ގޮތުން ރަންބީރް ދާދި ފަހުން ބުނެފައި ވަނީ މިއީ އޭނަގެ އެންމެ ފަހު ރޮމޭންޓިކް ކޮމެޑީ އަށް ވެދާނެ ކަމަށެވެ. ބަތަލާ އާލިއާ ބަޓްގެ ފިރިމީހާ ކުރިން ކުޅުނު މި ޖޯންރާގެ ފިލްމުތަކުގެ ތެރޭގައި 2008 ގެ "ބަޗްނާ އޭ ހަސީނޯ" އާއި 2010 ގެ "އަންޖާނީ އަންޖާނީ" ގެ އިތުރުން 2013 ގެ "ޔޭ ޖަވާނީ ހޭ ދީވާނީ" ހިމެނެ އެވެ.

"ތޫ ޖޫޓީ މޭ މައްކާރް" އަކީ އަންނަ އަހަރު ރިލީޒްވާން އޮތް ރަންބީރްގެ ދެ ފިލްމުގެ ތެރެއިން ފުރަތަމަ ފިލްމެވެ. އަނެއް ފިލްމަކީ އަންނަ އަހަރުގެ އޮގަސްޓް 11 އަށް ތާވަލުކޮށްފައި އޮތް ޑާކް ތުރިލާ "އެނިމަލް" އެވެ. މި އަހަރު ވެސް ރަންބީރްގެ ދެ ފިލްމެއް ރިލީޒްވި އެވެ. އެއީ "ޝަމްޝޭރާ" އާއި "ބުރައްމަސްތުރާ" އެވެ.

ލަވްގެ ފިލްމުން ޝްރަދާ ބެލުންތެރިންނާ ބައްދަލުކުރަން ތައްޔާރު ވަނީ އޭނަގެ ފިލްމެއް ރިލީޒްނުވާތާ ދެ އަހަރެއްހާ ދުވަސް ފަހުންނެވެ. އެންމެ ފަހުން ޝްރަދާ ފެނިފައި ވަނީ 2020 ގެ "ބާގީ 3" އިންނެވެ. އެކަމަކު މިދިޔަ މަހު ރިލީޒްކުރި ވަރޫން ދަވަންގެ "ބޭޅިޔާ" ގެ ލަވައަކުން ހުނަރުވެރި ބަތަލާ ފެނިފައިވެ އެވެ.