މިދިޔަ އޮގަސްޓް މަހު އަނިޔާވެރި ގޮތަކަށް މާލޭގައި ޝިއާއު މުހައްމަދު (ޝިއާ) މަރާލި މައްސަލާގައި ދައުވާކުރުމާ މެދު މި މަހުގެ ތެރޭގައި ގޮތެއް ނިންމާނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނެފި އެވެ.
އެ މައްސަލާގައި ހައްޔަރުކޮށްފައި ވަނީ ފ. ނިލަންދޫ ފިނިފެންމާގޭ، އަލީ ޝާހިލް، 23، އެވެ
އޮގަސްޓު މަހުގެ 6 ވަނަ ދުވަހުގެ ރޭ ހ. ޝީރީންވިލާގައި ޝިއާގެ ބައެއް ގުނަވަންތައް ވެސް ބުރިކޮށް އަނިޔާވެރިކޮށް މަރާލި މައްސަލާގައި ޝާހިލް ހައްޔަރުކޮށް ޝަރީއަތް ނިމެންދެން އޭނާ ހުރީ ބަންދުކޮށްފަ އެވެ. ޝިއާ، 22، އަކީ ފުވައްމުލަކަށް ނިސްބަތްވާ ޒުވާނެކެވެ.
ޕީޖީ އޮފީހުން ބުނީ އެ މައްސަލައިގެ ފުލުހުންގެ ތަހުގީގަށް ބެލުމަށް ފަހު މި މަސް ނިމުމުގެ ކުރިން ދައުވާކުރުމާ މެދު ގޮތެއް ނިންމުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ފުލުހުން ބުނެފައި ވަނީ މިހާތަނަށް ބެލި ބެލުމުން ޝިއާގެ މަރުގައި ޝާހިލް ފިޔަވައި އިތުރު އެއްވެސް މީހެއްގެ ބައިވެރިވުމެއް އޮތްކަން ތަހުގީގަށް ފާހަގަވެފައި ނެތް ކަމަށެވެ.