ރާއްޖޭގައި އިސްލާމް ދީނާ ގުޅޭ ތަފާތު ޕްރޮގްރާމްތައް ހިންގުމާއި އިސްލާމިކް މިނިސްޓްރީގެ މެންޑޭޓްގެ ތެރޭގައި ހިމެނޭ ދައިރާތަކުން އިތުރު ތަމްރީނު ޕާކިސްތާނުން ފަހިކޮށް ދޭން މަސައްކަތްކުރައްވާނެ ކަމަށް އެ ގައުމުން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ލިބޭނެ ވައިސް އެޑްމިރަލް (ރިޓަޔާޑް) މުޙައްމަދު ފައްޔާޒް ގިލާނީ ވިދާޅުވެއްޖެ އެވެ.
ސަފީރު އެގޮތަށް ވިދާޅުވީ އިސްލާމިކް މިނިސްޓަރު ޑރ. އަޙްމަދު ޒާހިރު ޢަލީއާ އެކި ބައްދަލުކުރެއްވުމުގެ ތެރޭގަ އެވެ.
ސަފީރާ އެކު ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އިސްލާމިކް މިނިސްޓަރު ވަނީ އިސްލާމިކް މިނިސްޓްރީގެ ފަރާތުން ކުރިއަށް ގެންދާ މަސައްކަތުގެ ތަފްސީލު ސަފީރާއި ހިއްސާ ކުރައްވައިފަ އެވެ. އަދި ކުޑަކުދިން އިސްލާމް ދީނަށް ހޭލުންތެރިކޮށް ސްކޫލު އުމުރުފުރާގައި ކުރިއަށް ގެންދާ ޕްރޮގްރާމްތަކުގެ މައުލޫމާތު ވެސް މިނިސްޓަރު ހިއްސާ ކުރެއްވި އެވެ.
ޕާކިސްތާނު ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު ހިޒް އެކްސެލެންސީ ވައިސް އެޑްމިރަލް (ރިޓަޔަރޑް) މުޙައްމަދު ފައްޔާޒް ގިލާނީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީއާއި ބައްދަލުކުރައްވައިފި. pic.twitter.com/fqjypvngxo
— Ministry of Islamic Affairs (@MVIaffairs) December 14, 2022
މިނިސްޓަރާ އެކު ބޭއްވި ބައްދަލުވުމުގައި ޕާކިސްތާނުގެ ސަފީރު ދެއްކެވި ވާހަކަފުޅުގައި އިސްލާމް ދީނުގެ ކަންކަން އޮޅުން ފިލުވައިދީ، ކިޔަވައިދެވިއްޖެ ނަމަ، ހެދި ބޮޑުވަމުން އަންނަ ކުދިން ގޯސް މަގުން ނުދާނެ ކަމަށެވެ. އަދި މިފަދަ ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމުގައި ޕާކިސްތާން ސަރުކާރުން ވެވެން އޮތް އެހީއެއް ވެދެއްވާނެ ކަމަށް ސަފީރު ވިދާޅުވި އެވެ.
މީގެ އިތުރުން ޕާކިސްތާނުގެ ދީނީ އިލްމުވެރިން ރާއްޖެ ގެނެސް ދީނީ ދަރުސް ދެއްވުމާއި ބެހޭ ގޮތުން ވަނީ މަޝްވަރާ ކުރައްވި އެވެ. އަދި މިނިސްޓްރީގެ މެންޑޭޓްގެ ތެރޭގައި ދައިރާތަކުން އިތުރު ތަމްރީނު ލިބޭނެ މަގުފަހިކޮށްދިނުމާ ގުޅޭ ގޮތުން ވެސް ދެ ފަރާތުގެ ދެމެދު މަޝްވަރާ ކުރެވިފައިވެ އެވެ.
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގައި ބޭއްވި މި ބައްދަލުވުމުގައި މިނިސްޓަރުގެ އިތުރުން އެ މިނިސްޓްރީގެސްޓޭޓް މިނިސްޓަރު މުޙައްމަދު އަނީލް އާއި ޕާމަނަންޓް ސެކްރެޓަރީ އަހުމަދު އަދީލް ބައިވެރިވެވަޑައިގެންނެވި އެވެ.