އަންނަ ހޯމަ ދުވަހު މާލެ އާއި އައްޑޫގައި ފެށުމަށް ތައްޔާރުވަމުން އަންނަ އޭ.އެފް.ސީ ޗެލެންޖް ކަޕާއި ގުޅިގެން ފުލުހުން ހިންގާ ހާއްސަ އޮޕަރޭޝަން "އޯލް އިން ވަން ރިދަމް" އައްޑޫގައި ކުރިޔަށް ގެންދާނެ ގޮތުގެ އޮޕަރޭޝަން ބްރީފިން ބާއްވައިފި އެވެ.
ހިތަދޫ ސްޓޭޓް ސްކުއާގައި ބޭއްވި ބްރީފިންގައި ވާހަކަ ދައްކަވަމުން އޮޕަރޭޝަން ކޮމާންޑާރ ޗީފް އިންސްޕެކްޓަރު އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވީ އޮޕަރޭޝަންގައި ހަރަކާތްތެރިވާ ހުރިހާ ފުލުހުން ވެސް ފުލުސްވަންތަ ލާމަސީލު ރިވެތި އަހުލާޤެއް ދައްކުވައި ދިނުމަށެވެ. އަދި އޮޕަރޭޝަން ކާމިޔާބުކަމާ އެކު ކުރިއަށް ގެންދިއުމަށް ހުރިހާ ފުލުހުންގެ ފަރާތުން އެދިވަޑައިގަތެވެ.
ޝިފާން އިތުރަށް ވިދާޅުވީ އައްޑޫގެ ސަލާމަތާއި ރައްކާތެރިކަމުގެ އިތުރުން ޓީމް ތަކުގެ ސަލާމަތީކަންކަން ކަށަވަރުކުރުމަށް ކުރަންޖެހުނު ކޮންމެކަމެއްގައި ފަސްނުޖެހި ސާބިތުކަންމަތީ، ފުލުހުންގެ ޒިންމާ އަދާކުރާނެ ކަމުގެ ޔަޤީންކަން އޮތްކަމަށެވެ.
މި މުބާރަތް ކުރިޔަށް ދާއިރު އައްޑޫ ސިޓީގެ ސެކިއުރިޓީގެ ކަންކަން ވަރުގަދަ ކުރުމުގެ ގޮތުން މާލެއިން ގިނަ ޢަދަދެއްގެ ފުލުހުން ވަނީ އައްޑޫ އަށް އައިސްފައެވެ.