Last Updated: July 27, 18:03
Monday, July 27, 2026
މުނިފޫހިފިލުވުން

އަރިއަން އަމިއްލަ ބްރޭންޑެއް ލޯންޗްކޮށްފި

އަރިއަން (މ) އާއި ވިޔަފާރީގެ ދެ ޕާޓްނަރުން.

ބޮލީވުޑްގެ ތަރި ޝާހްރުކް ޚާންގެ ދަރިފުޅު އަރިއާން ޚާން ވިޔަފާރީގެ ތެރެއަށް ނުކުމެ އަމިއްލަ ބްރޭންޑެއް ލޯންޗްކޮށްފި އެވެ.

އަރިއަން އާއި އޭނަގެ ދެ އެކުވެރިއަކުވެގެން ލޯންޗްކުރީ ލަގްޒަރީ ލައިފްސްޓައިލް ބްރޭންޑެއް ކަމަށްވާ "ޑި'ޔަވޯލް" އެވެ. މީގެ ދަށުން ފެޝަނާއި އެކި ކަހަލަ ބުއިންތަކާއި އިވެންޓް މެނޭޖްމަންޓްކޮށް ދިނުން ފަދަ މަތީ ފަންތީގެ އުފެއްދުންތަކާއި ހިދުމަތްތައް ފޯރުކޮށް ދޭނެ އެވެ.

"ޑި'ޔަވޯލް" ގައި ހިއްސާވާނީ އަރިއަން 24 ގެ އިތުރުން ބަންޓީ ސިންގް އާއި ލެޓީ ބްލެގޯވާ އެވެ. މި ބްރޭންޑާ ބެހޭ ގޮތުން އަރިއަން ބުނީ މިކަން ހަގީގަތަކަށް ހެދުނީ ތިން މީހުންވެގެން ފާއިތިވި ފަސް އަހަރުގެ ތެރޭގައި ކުރެވުނު މަސައްކަތުގެ ތެރެއިން ކަމަށެވެ. އެގޮތުން އެންމެ ބޮޑު އަމާޒަކީ ލައިފްސްޓައިލްގެ ތެރެއަށް ޒަމާނީ ކަންކަމާއި އުފެއްދުންތައް ގެނެސްދިނުން ކަމަށް ބުންޏެވެ.

އަރިއަން އަމިއްލަ ވިޔަފާރި ބްރޭންޑެއް ލޯންޗްކުރި އިރު، އޭނަ ލިޔުނު ސްކްރިޕްޓަކަށް މިހާރު އަންނަނީ ވެބް ސީރީޒެއް ވެސް ޑައިރެކްޓްކުރަން ތައްޔާރުވަމުންނެވެ. އެ ހަދަން ނިންމާފައި ވަނީ އާއިލީ ފިލްމު ކުންފުނި، ރެޑް ޗިލީޒް އެންޓަޓައިންމަންޓްގެ ދަށުންނެވެ. އެކަން މީގެ ހަފުތާއެއް ކުރިން އަރިއަން ވަނީ އިއުލާންކޮށްފަ އެވެ.

ޝާހްރުކާއި ގޯރީގެ ތިން ކުދިންގެ ތެރެއިން އަރިއަން ވަނީ އެމެރިކާގެ ޔުނިވަސިޓީއަކުން މިދިޔަ އަހަރުގެ މެއި ފިލްމު މޭކިން ދާއިރާ އިން ގްރެޖްއޭޓް ވެސް ވެފަ އެވެ.