ދާދި ފަހުން އިތިއޯޕިއާގައި ހިނގައިދި މަދަނީ ހަނގުރާމައިގެ ތެރޭގައި އިިތިއޯޕިއާ ދެކޮޅަށް ރުޅި އާއި ނަފުރަތު އުފައްދަން މެޓަ އިން މަސައްކަތްކޮށްފައިވާ ކަމަށް ބުނެ އެ ކުންފުންޏަށް އެ ގައުމުން ދައުވާކޮށްފި އެވެ.
މެޓަ އަކީ ފޭސްބުކާއި އިންސްޓަގްރާމާއި ވަޓްސްއެޕް ފަދަ ސޯޝަލް ޕްލެޓްތައް ހިންގަމުން އަންނަ ކުންފުންޏެވެ.
މެޓަ އަށް ދައުވާކުރީ ފޭސްބުކް މެދުވެރިކާއި އޭގެ އެލޮގްރިދަމްގެ އެހީގައި ފެތުރި ވާހަކަތަކަކާ ގުޅިގެން އިތިއޯޕިއާގެ ޕްރޮފެސަރަކު ވެސް މަރާލުމާ ގުޅިގެން، އެކަމުގެ ބަދަލު ވެސް ނަގައި ދިނުމަށް އެދި އެވެ. އެގޮތުން ކެންޔާގެ ހައި ކޯޓަށް ހުށަހެޅި މައްސަލާގައި މަރުވި މީހާގެ ބަދަލަށް 2 ބިލިއަން ޑޮލަރު ނަގައިދޭން އާއިލާގެ ފަރާތުން އެދިފަ އެވެ.
މަހުޖަނު މާކް ޒަކަބާގްގެ މެޓަ އަށް ކުރި ދައުވާ އަށް ކެމްޕޭން ގްރޫޕެއް ކަމަށްވާ އިނގިރޭސިވިލާތުގެ ފޮކްސްގްލޯވް އިން ވެސް ތަނާޒުލްވެފައިވެ އެވެ.
ދައުވާއާ ގުޅިގެން މެޓައިން ނެރުނު ބަޔާނެއްގައި ބުނީ ފޭސްބުކް މެދުވެރިކޮށް ނަފުރަތާއި ރުޅިވެރިކަން އުފެއްދުން ހުއްޓުމަށް މިހާތަނަށް ވަރަށް ގިނަ ފިޔަވަޅުތައް އަޅާފައިވާނެ ކަމަށެވެ. އެގޮތުން އެކަމަށް ބޭނުންކުރާ އެލޮގްރިދަމާ ވެސް ސުވާލު ނުއުފައްދާ ކަމަށާއި އިތިއޯޕިއާގައި ވެސް ފޭސްބުކްގެ ކޮންޓެންޓް ވަރަށް ރަނގަޅަށް މޮޑެރޭޓްކުރެވެމުން އަންނަ ކަމަށެވެ. އަދި އަބަދު ވެސް ފޭސްބުކަކީ ރައްކާތެރި އެއްޗެއްކަން ކަށަވަރުކޮށް ދިނުމަކީ ވަރަށް ބޮޑު އިސްކަމެއް ދޭ ކަމެއް ކަމަށް ވެސް މެޓައިން ބުންޏެވެ.