Last Updated: July 16, 18:01
Thursday, July 16, 2026
ކުޅިވަރު

މެޗު ޕްރިވިއު: ފްރާންސް-މޮރޮކޯ

ފީފާ ވޯލްޑް ކަޕްގެ ސެމީފައިނަލްގެ ދެވަނަ މެޗު މިރޭ ކުޅޭއިރު މި މެޗުގައި ބައްދަލުކުރާނީ މުބާރާތުގެ އެންމެފަހުގެ ޗެމްޕިއަނުން ކަމަށްވާ ފްރާންސް އާއި އެފްރިކާ އަށް ނިސްބަތްވާ މޮރޮކޯ އެވެ.

މުބާރާތުގެ ސެމީފައިނަލަށް ފްރާންސް ދަތުރުކުރީ ކުއާޓާފައިނަލްގައި އިންގްލެންޑް 2-1 އިން ބަލިކުރުމަށްފަހު އެވެ. މޮރޮކޯ ސެމީ އިން ޖާގަ ހޯދީ ކުއާޓާގައި ވަރުގަދަ ޕޯޗުގަލްގެ މައްޗަށް 1-0 އިން ކުރި ހޯދައިގެންނެވެ.

އެންމެފަހުން ފްރާންސުން ކުޅުނު ވޯލްޑް ކަޕްގެ ތިން ސެމީފައިނަލުން ވެސް މޮޅުވެ އެޓީމު މުބާރާތުގެ ފައިނަލުން ޖާގަ ހޯދާފައިވާއިރު އޭގެތެރެއިން ދެ ފަހަރު އެޓީމުން ވަނީ މުބާރާތުގެ ޗެމްޕިއަންކަން ހޯދާފަ އެވެ. އަނިޔާގެ ސަބަބުން މުހިއްމު ބައެއް ކުޅުންތެރިންނާ ނުލާ މުބާރާތާއި ކުރިމަތިލި ފްރާންސް މިފަހަރުގެ މުބާރާތުގައި ބަލިވީ އެންމެ މެޗަކުންނެވެ. އެއީ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ޓިއުނީޝިއާ އަތުންނެވެ. އޭގެ ފަހުން ކުޅުނު މެޗުތަކުގައި ފްރާންސުން އެޓީމުގެ ފެންވަރު ދައްކަމުން އަންނައިރު މި މުބާރާތުގައި އެންމެ ފޯމުގައި ހުރި އެއް ކުޅުންތެރިއަކީ ފްރާންސްގެ އުއްމީދީ ފޯވާޑް ކިލިއަން އެމްބާޕޭ އެވެ. ޑިފެންސިވް ސިސްޓަމަކަށް ކުޅޭ މޮރޮކޯގެ ޑިފެންސްލައިން ފޫއަޅުވާލުމަކީ އުނދަގޫ ކަމެއްކަން އެޓީމުން ސާބިތުކޮށްދީފައިވާއިރު މިރޭގެ މެޗަކީ ފްރާންސަށް އޮތް ބޮޑު ޗެލެންޖެކެވެ.

މިއީ ވޯލްޑް ކަޕެއްގެ ސެމީފައިނަލެއްގައި މޮރޮކޯ ވާދަކުރާ ފުރަތަމަ ފަހަރު ކަމަށްވާއިރު މިއީ އެފްރިކާގެ ގައުމަކުން މުބާރާތުގެ ސެމީގައި ވާދަކުރާ ފުރަތަމަ ފަހަރުވެސް މެ އެވެ. މި މުބާރާތުގައި އެންމެ ހައިރާންކުރަނިވި ނަތީޖާތައް ނެރެމުންދާ ޓީމަކީ މޮރޮކޯ އެވެ. އެގޮތުން އެޓީމުން ދެވަނަ ބުރުގައި އެޓީމުން ސްޕެއިން ބަލިކުރިއިރު ކުއާޓާފައިނަލްގައި އެޓީމުން ކުރި ހޯދީ ޕޯޗުގަލްގެ މައްޗަށެވެ. އެ ދެ މެޗުގައި މޮރޮކޯ ކޮޅަށް އެންމެ ގޯލެއް ވެސް ވަދެފައި ނުވާއިރު މުޅި މުބާރާތުގައި ވެސް އެޓީމު ކޮޅަށް ވަދެފައިވަނީ އެންމެ ގޯލެކެވެ. މުބާރާތުން ވަރުގަދަ ޓީމުތަކެއް މޮރޮކޯ އިން ކަޓުވާލާފައިވާއިރު މުބާރާތުގެ އެންމެފަހުގެ ޗެމްޕިއަނުން ކަޓުވާލައި ފުރަތަމަ ފަހަރަށް ފައިނަލަށް ދިޔުމަށް މޮރޮކޯ އޮތީ ތައްޔާރަށެވެ.

ފްރާންސް

މޮރޮކޯއާ ދެކޮޅަށް އެންމެފަހުން ކުޅުނު ފަސް މެޗުން ވެސް ފްރާންސް ބަލިވެފައެއް ނުވެ އެވެ. މި ދެ ޓީމުގެ އެންމެފަހުގެ ކުރިމަތިލުން ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ.

މި މުބާރާތުގައި އެފްރިކާގެ ޓީމެއް އަތުން ފްރާންސް ބަލިވެފައިވާއިރު ވޯލްޑް ކަޕެއްގައި އެއް ޓީމެއް އެފްރިކާގެ ދެ ޓީމެއް އަތުން ދުވަހަކު ވެސް ބަލިވެފައެއް ނުވެ އެވެ.

މި މެޗަށް ނިކުންނައިރު އަނިޔާގެ އެއްވެސް މައްސަލައެއް ފްރާންސް ޓީމުގައި ނެތެވެ.

މޮރޮކޯ

ވޯލްޑް ކަޕްގައި އެންމެފަހުން ކުޅުނު ހަ މެޗުން ވެސް މޮރޮކޯ ބަލިވެފައެއް ނުވެ އެވެ. އޭގެތެރެއިން ތިން މެޗުން މޮރޮކޯ މޮޅުވިއިރު އަނެއް ތިން މެޗު ނިމުނީ އެއްވަރުވެގެންނެވެ.

މިއީ މުބާރާތުގެ ސެމީގައި މޮރޮކޯ ކުޅޭ ފުރަތަމަ ފަހަރު ކަމަށްވާއިރު، މުބާރާތުގެ ސެމީފައިނަލަށް އަލަށް އެންމެފަހުން ދަތުރުކުރި ޓީމަކީ ސްޕެއިން އެވެ. އެފަހަރު ސްޕެއިން ވަނީ ސެމީގައި 1-0 އިން ޖަރުމަނު ބަލިކޮށް ފައިނަލުން ޖާގަ ހޯދާފަ އެވެ.

މި މެޗަށް ނިކުންނައިރު މޮރޮކޯގެ ޓީމުގެ ޑިފެންޑަރުން ކަމަށްވާ ނައިފް އަގާޑް އާއި ރޮމައިން ސައިސް އަދި ނުސައިރް މަޒަރާއީ އަށް އަނިޔާގެ ސަބަބުން ކުޅެވޭނެ ކަމާމެދު ވަނީ ސުވާލު އުފެދިފަ އެވެ. ނަމަވެސް މި ކުޅުންތެރިންނަށް ކުޅެވޭތޯ އެންމެފަހު ވަގުތާ ޖެހެންދެން ވެސް ބަލާނެ ކަމަށް މޮރޮކޯގެ ކޯޗު ވަނީ ބުނެފަ އެވެ.

ދެ ޓީމުގެ ކުރިމަތިލުންތައް

މިއީ ވޯލްޑް ކަޕެއްގައި މޮރޮކޯ އާއި ފްރާންސް ބައްދަލުކުރާ ފުރަތަމަ ފަހަރު ކަމަށްވާއިރު މި ދެ ޓީމު މީގެކުރިން ވަނީ 11 ފަހަރެއްގެ މަތިން ބައްދަލުކޮށްފަ އެވެ. އޭގެތެރެއިން ހަތް މެޗުން ފްރާންސް މޮޅުވިއިރު މޮރޮކޯ މޮޅުވީ އެންމެ ފަހަރަކު އެވެ. މި ދެ ޓީމުގެ އެންމެފަހުން ބައްދަލުކޮށްފައިވަނީ 2007 ވަނަ އަހަރު އެވެ. އެ ކުރިމަތިލުން ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ.

މޮރޮކޯ އާއި ފްރާންސް ބައްދަލުކުރާ މެޗު ފަށާނީ މިރޭ ރާއްޖެގަޑިން 12 ޖަހާއިރު އެވެ.