އެކުވެރިކަމުގެ މެޗެއްގައި މިރޭ މެލޭޝިއާ އިން 3-0 އިން ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމު ބަލިކޮށްފި އެވެ.
މެލޭޝިއާގެ ވެރިރަށް ކުއާލަ ލަމްޕޫރުގައި މިރޭ ކުޅުނު މި މެޗުގައި މެލޭޝިއާ އިން ކާމިޔާބުކުރި ފުރަތަމަ ގޯލް މެޗުގެ 24 ވަނަ މިނެޓްގައި އެޓީމަށް ކާމިޔާބުކޮށްދިނީ ޑަރެން ލޮކް އެވެ. މި ގޯލް އޭނާ ކާމިޔާބުކުރީ ރާއްޖެ ޓީމުގެ ޑިފެންޑަރު ހުސެއިން ސިފާއު ޔޫސުފަށް ހެދުނު ގޯހެއްގެ ފައިދާ ނަގައިގެންނެވެ.
އެއް ގޯލުގެ ލީޑަކާއެކު ފުރަތަމަ ހާފް މެލޭޝިއާ އިން ނިންމާލިއިރު މެޗުގެ 63 ވަނަ މިނެޓްގައި މެލޭޝިއާގެ ފައިސަލް ހަލީމް ވަނީ އެޓީމުގެ ދެވަނަ ގޯލް ކާމިޔާބުކޮށްދީފަ އެވެ. ފައިސަލް މި ގޯލް ކާމިޔާބުކުރީ ވަރަށް ހުސްކޮށްލާފައި ލޮކް ދިން ބޯޅައެއް ހިފައިގެން ޕެނަލްޓީއޭރިއާ ތެރެއަށް ވަދެ ފޮނުވާލި ހަމަލާއަކުންނެވެ.
މި ގޯލަށްފަހު ވެސް މެލޭޝިއާ އިން ދިޔައީ ރާއްޖޭގެ ގޯލަށް ނުރައްކާ ކުރަމުންނެވެ. އެގޮތުން ފައިސަލް ނުރައްކާތެރި ގޮތަކަށް ފޮނުވާލި ހަމަލާއެއް ރާއްޖޭގެ ގޯލްކީޕަރު ހުސެން ދިފާއުކުރިއިރު އޭގެފަހުން މެލޭޝިއާ ޓީމުގެ ޓަކް ލީ އެންޑްރޫ ބޮލުން ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ ދަނޑި އަށެވެ.
މެލޭޝިއާ އިން މި މެޗުގައި ކާމިޔާބުކުރި ތިންވަނަ ގޯލް މެޗުގެ 88 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ އެންޑްރޫ އެވެ. އޭނާ މި ގޯލް ކާމިޔާބުކުރީ ރާއްޖޭގެ ޕެނަލްޓީއޭރިއާ ތެރެއަށް ތިރިން ހުރަސްކޮށްލި ބޯޅައެއް ގޯލަށް ފޮނުވާލައިގެންނެވެ.
އެކުވެރިކަމުގެ ދެވަނަ މެޗުގައި މި މަހުގެ 17 ވަނަ ދުވަހު ރާއްޖެ ނިކުންނާނީ ސިންގަޕޫރާއި ދެކޮޅަށެވެ.