މޮރޮކޯ 2-0 އިން ބަލިކުރުމަށްފަހު ފީފާ ވޯލްޑް ކަޕްގެ ފައިނަލަށް ފްރާންސް ދަތުރުކޮށްފި އެވެ.
މިއީ މި މުބާރާތުގެ އެންމެފަހުގެ ޗެމްޕިއަނުން ކަމަށްވާ ފްރާންސް މުބާރާތުގެ ފައިނަލަށް ދަތުރުކުރި ހަތަރުވަނަ ފަހަރެވެ. ފައިނަލްގައި ފްރާންސް ބައްދަލުކުރާނީ އާޖެންޓީނާއާ އެވެ. ފައިނަލް މެޗު އޮންނާނީ އަންނަ އާދީއްތަ ދުވަހު އެވެ.
މިރޭގެ މެޗުން ބަލިވި މޮރޮކޯ އަށް ދެން އޮންނާނީ މުބާރާތުގެ ތިންވަނަ ހޮވާ މެޗެވެ. އެ މެޗުގައި އެޓީމު ބައްދަލުކުރާނީ ސެމީފައިނަލްގައި އާޖެންޓީނާ އަތުން ބަލިވި ކްރޮއޭޝިއާއާ އެވެ. އެ މެޗު އޮންނާނީ އަންނަ ހޮނިހިރު ދުވަހު އެވެ.
ގަތަރުގެ އަލް ބައިތް ސްޓޭޑިއަމްގައި މިރޭ ކުޅުނު މި މެޗުގެ ފަސްވަނަ މިނެޓްގައި ފްރާންސްގެ ތިއޯ ހަނާންޑޭޒް ވަނީ އެޓީމަށް ލީޑު ނަގާދީފަ އެވެ. ހަނާންޑޭޒް މި ގޯލް ކާމިޔާބުކުރީ މޮރޮކޯގެ ޕެނަލްޓީއޭރިއާ ތެރޭ ހުހަށް ހުރެ ފޮނުވާލި ހަމަލާއަކުންނެވެ.
ފްރާންސްގެ މި ގޯލާއެކު މޮރޮކޯ އިން ކުރިއަށް ޖެހިލައިގެން ފްރާންސްގެ ގޯލަށް ނުރައްކާ ކުރަން މަސައްކަތް ކުރިއިރު މެޗުގެ 10 ވަނަ މިނެޓްގައި މޮރޮކޯގެ އޮނާހީ ދުރުން ފޮނުވާލި ނުރައްކާތެރި ހަމަލާއެއް ފްރާންސްގެ ގޯލްކީޕަރު ހޫގޯ ލޮރިސް ވަނީ ދިފާއުކޮށްފަ އެވެ. ކައުންޓަ އެޓޭކުތަކުގައި ފްރާންސުން ވެސް މޮރޮކޯގެ ގޯލަށް ދިޔައީ ނުރައްކާ ކުރަމުންނެވެ. އެގޮތުން އޮލިވިއޭ ޖިރޫޑް ފޮނުވާލި ހަމަލާއެއް މޮރޮކޯގެ ގޯލުގެ ދަނޑި އަށް އަމާޒުވިއިރު އޭނާ ފޮނުވާލި އިތުރު ހަމަލާއެއް ދިޔައީ ގޯލުގެ ދަނޑި މަތިން ބޭރަށެވެ.
ފުރަތަމަ ހާފް ނިމުމުގެ ކުރިން މޮރޮކޯގެ ޑިފެންޑަރު އެލް ޔަމީގް ފޮނުވާލި ނުރައްކާތެރި ހަމަލާ ފްރާންސްގެ ގޯލުގެ ދަނޑި އަށް ވެސް އަމާޒުވެފައިވެ އެވެ.
މެޗުގެ ދެވަނަ ހާފްގައި ވެސް ފްރާންސްގެ ފަހަތަށް މޮރޮކޯ އިން ބާރުބޮޑު ކުރަމުންދިޔައިރު މޮރޮކޯ އިން ފްރާންސްގެ ޕެނަލްޓީއޭރިއާ ތެރެއަށް ނެގި ގިނަ ހުރަސްތައް އެޓީމުގެ ޑިފެންޑަރުން ވަނީ ދިފާއުކޮށްފަ އެވެ. މި މެޗުގައި ފެނިގެންދިޔަ ދެވަނަ ގޯލް ފްރާންސަށް މެޗުގެ 79 ވަނަ މިނެޓްގައި ލިބުނު ހުސް ފުރުސަތަކުން ކާމިޔާބުކޮށްދިނީ ރަންޑަލް ކޯލޯ މުއާނީ އެވެ. އޭނާ މި ގޯލް ކާމިޔާބުކުރީ ދެވަނަ ހާފްގައި ކުޅެން އެރިތާ 44 ސިކުންތުގެ ތެރޭގަ އެވެ.
މިއީ ހަ މެޗަށްފަހު ވޯލްޑް ކަޕްގައި މޮރޮކޯ ބަލިވި ފުރަތަމަ މެޗެވެ. މިރޭގެ ކުރިން މޮރޮކޯ އެންމެފަހުން ވޯލްޑް ކަޕްގެ މެޗަކުން ބަލިވީ 2018 ވަނަ އަހަރު ޕޯޗުގަލް އަތުން 1-0 އިންނެވެ.