Last Updated: July 16, 18:01
Thursday, July 16, 2026
ކުޅިވަރު

މުޅި ދުނިޔެ މޮރޮކޯއާ މެދު ފަހުރުވެރިވޭ

މުޅި ދުނިޔެ މޮރޮކޯއާ މެދު ފަހުރުވެރިވާ ކަމަށް އެޓީމުގެ ކޯޗު ވާލިދް ރެގްރަގޫ ބުނެފި އެވެ.

ވޯލްޑް ކަޕްގެ ސެމީފައިނަލަށް ފުރަތަމަ ފަހަރަށް ދަތުރުކުރި މޮރޮކޯ އަށް ރޭ ވަނީ މުބާރާތުގެ އެންމެފަހުގެ ޗެމްޕިއަނުން ކަމަށްވާ ފްރާންސް އަތުން 2-0 އިން ބަލިވެ ފައިނަލަށް ދިޔުމުގެ ފުރުސަތު ގެއްލިފަ އެވެ. ނަމަވެސް މުބާރާތުގެ ތިންވަނަ ހޯދުމުގެ ފުރުސަތު މޮރޮކޯ އަށް އަދި އެބައޮތެވެ. އެ މެޗުގައި އެޓީމު ނިކުންނާނީ ކްރޮއޭޝިޔާއާ ދެކޮޅަށެވެ.

ރޭގެ މެޗަށްފަހު ވާހަކަދައްކަމުން މޮރޮކޯގެ ކޯޗު ވާލިދު ބުނީ ވޯލްޑް ކަޕް ހޯދުމުގެ ހުވަފެން ނިމުމަކަށް ނުގެނެސް ބާއްވަން ބޭނުންވި ކަމަށާއި ނަމަވެސް މެޗުން ބަލިވީ ޓީމަށް ހެދުނު ކުދިކުދި ގޯސްތަކުގެ ސަބަބުންނާއި އަދި ފުރަތަމަ ހާފްގައި ލިބުނު ފުރުސަތުތަކުގެ ބޭނުން ނުހިފުމުން ކަމަށެވެ. ނަމަވެސް މި މުބާރާތުގައި މޮރޮކޯ ޓީމުން މިހާތަނަށް ހޯދި ކާމިޔާބީއާ މެދު ހިތްހަމަޖެހޭ ކަމަށާއި ޓީމާއި މެދު މުޅި މޮރޮކޯ އަދި ޖުމްލަކޮށް މުޅި ދުނިޔެ ވެސް ފަހުރުވެރިވާ ކަމަށް ވާލިދު ބުންޏެވެ.

"އަހަންނަށް ހީވަނީ މުޅި ދުނިޔެ މި ޓީމާއި މެދު ފަހުރުވެރިވަނީ ޓީމުން ކަންކަން ހާސިލުކުރަން ދެއްކި ހިތްވަރުން ކަން ނޭނގޭ. އަހަރަމެން ބުރަކޮށް މަސައްކަތް ކުރިން. އަހަރަމެން ކުޅުނީ ބުރަކޮށް މަސައްކަތްކޮށްގެން ކުޅޭ ކަހަލަ ފުޓްބޯޅައެއް." ވާލިދު ބުންޏެވެ.

ވާލިދު ބުނީ ރޭގެ މެޗުގައި މޮރޮކޯ އަށް ދިމާވި އެންމެ ބޮޑު އެއް މައްސަލައަކީ ފިޒިކަލީ ގޮތުން ކުޅުންތެރިން ރަނގަޅު ހާލަތެއްގައި ނެތުމުގެ މައްސަލަ ކަމަށެވެ. އެގޮތުން ޓީމުގެ ގިނަ ކުޅުންތެރިން ރޭގެ މެޗާއި އަދި އޭގެ ކުރީގެ މެޗުތައް ވެސް ކުޅުނީ 60 ޕަސެންޓް ފިޓްކޮށް ތިބެ ކަމަށް ވާލިދު ބުންޏެވެ. އަދި މޮރޮކޯ ޓީމުގެ އަމާޒަކީ މިހާރު ތިންވަނަ ހޯދުން ކަމަށާއި އެ މެޗުގައި އާންމުކޮށް ނާރުވާ ކުޅުންތެރިންނަށް ފުރުސަތު ދޭނެ ކަމަށްވެސް އޭނާ ބުންޏެވެ.

މޮރޮކޯ އަކީ މިފަހަރުގެ މުބާރާތުގައި އެންމެ ހައިރާންކުރަނިވި ނަތީޖާތައް ނެރެނު ޓީމެވެ. އެގޮތުން މުބާރާތުގެ ދެވަނަ ބުރުގައި އެޓީމުން ސްޕެއިން ބަލިކުރިއިރު ކުއާޓާފައިނަލްގައި އެޓީމުން ކުރި ހޯދީ ޕޯޗުގަލްގެ މައްޗަށެވެ. އަދި ގްރޫޕް ސްޓޭޖުގައި މޮރޮކޯ އިން ވަނީ ފީފާ ވޯލްޑް ރޭންކިންގެ ދެވަނައިގައި އޮތް ބެލްޖިއަމް ވެސް ބަލިކޮށްފަ އެވެ.