ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ތަށި އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ އަށް ހައްގުވާ ކަމަށް ބްރެޒިލްގެ ލެޖެންޑް ރިވާލްޑޯ ބުނެފި އެވެ.
އަންނަ އާދީއްތަ ދުވަހު ކުޅޭ ވޯލްޑް ކަޕްގެ ފައިނަލަށް އާޖެންޓީނާ ދަތުރުކުރީ ސެމީފައިނަލްގައި ކްރޮއޭޝިއާ 3-0 އިން ބަލިކޮށްގެންނެވެ. ފައިނަލްގައި އާޖެންޓީނާ ނިކުންނާނީ މުބާރާތުގެ އެންމެފަހުގެ ޗެމްޕިއަނުން ކަމަށްްވާ ފްރާންސާއި ދެކޮޅަށެވެ. ފްރާންސް ފައިނަކުން ޖާގަ ހޯދީ ރޭ މޮރޮކޯ 2-0 އިން ބަލިކޮށްގެންނެވެ.
އާޖެންޓީނާ އާއި ބްރެޒިލް އަކީ ދެކުނު އެމެރިކާގެ ދެ ވާދަވެރިން ކަމަށްވާއިރު ރިވާލްޑޯ ބުނީ މުބާރާތުގެ ފައިނަލްގައި ބްރެޒިލް ނެތުމުން އޭނާގެ ސަޕޯޓު އޮންނާނީ އާޖެންޓީނާ އަށް ކަމަށެވެ. އަދި ވޯލްޑް ކަޕްގެ ތަށި މީގެކުރިން ވެސް މެސީ އަށް ހައްގުވާ ކަމަށާއި މި ތަށި މިފަހަރު މެސީ ހޯދާނެ ކަމަށްވެސް ރިވާލްޑޯ ބުންޏެވެ.
ރިވާލްޑޯ ވަނީ މެސީ އަށް ވޯލްޑް ކަޕްގެ ތަށި ހައްގުވާ އެއް ސަބަބަކީ އޭނާ ދަނޑުމަތީގައި ކުޅޭ ކުޅުމުގެ ސަބަބުން ކަމަށް ބުނެފަ އެވެ.
މި ފަހަރުގެ ފައިނަލް ވެގެންދާނީ މެސީ ،35، ކުޅޭ ދެވަނަ ވޯލްޑް ކަޕްގެ ފައިނަލަށެވެ. އެގޮތުން 2014 ގެ ވޯލްޑް ކަޕްގެ ފައިނަލްގައި އާޖެންޓީނާ ވަނީ ޖަރުމަނު އަތުން 1-0 އިން ބަލިވެފަ އެވެ. މިއީ މެސީ ކުޅޭ ފަހު ވޯލްޑް ކަޕްކަން ވެސް ފާހަގަކޮށްލެވެ އެވެ.
އާޖެންޓީނާ އަށް އެންމެފަހުން ވޯލްޑް ކަޕެއް ކާމިޔާބު ކުރެވިފައިވަނީ 1986 ވަނަ އަހަރު އެވެ.