Last Updated: June 24, 00:19
Tuesday, June 23, 2026
ޚަބަރު

44 ގައިދީއަކު ރިހިބިލިޓޭޓް ކުރަން ފަށައިފި

މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (އެމްސީއެސް) އިން ޕްރިޒަން-ބޭސްޑް ޑްރަގް ރިހެބިލިޓޭޝަން ޕްރޮގްރާމްގެ ދެވަނަ ބެޗް މާފުށީ ޖަލުގައި އިއްޔެ ފަށައިފި އެވެ.

އެ ޖަލުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި އެ ޕްރޮގްރާމް އިފުތިތާހުކޮށް ދެއްވީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އެވެ.

އިއްޔެ ފެށި ޕްރޮގްރާމަކީ މަސްތުގެ ވަބާގައި ޖެހިފައިވާ ޤައިދީން ރިހެބިލިޓޭޓްކޮށް، ބޭނުންތެރި ބައެއްގެ ގޮތުގައި މުޖުތަމަޢަށް އަނބުރާ ނެރުމަށް އެ ފަރާތްތައް ޑިޓޮކްސްކޮށް ޑްރަގް ޓްރީޓްމަންޓް ދިނުމާއި، ދިރިއުޅުމުގެ ހުނަރުތަކާއި ވަޒީފާ އަދާކުރުމަށް ބޭނުންވާ ހުނަރުތައް ދަސްކޮށްދިނުމަށް ފަށާ ޕްރޮގްރާމެކެވެ.

އެގޮތުން ޕްރޮގްރާމްގެ ދެވަނަ ބެޗްގައި މަސްތުވާތަކެއްޗާ ގުޅިގެން ޙުކުމް ތަންފީޒުކުރަމުން އަންނަ 44 ގައިދީން ހިމެނެ އެވެ.

މި ޕްރޮގްރާމް އެކުލެވެނީ ހަތަރު މަރުހަލާއަކަށެވެ. ފުރަތަމަ މަރުހަލާ އަކީ 21 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ ޑީޓޮކްސިފިކޭޝަން މަރުޙަލާ އެވެ. ދެވަނަ މަރުހަލާ އަކީ ރީހެބިލިޓޭޝަން މަރުހަލާ އެވެ. މި މަރުޙަލާގައި ކަނޑައެޅޭ ވަކި ތާވަލެއްގެ ދަށުން ޕްރޮގްރާމުގެ ބައިވެރިންނަށް ސައިކޯ-ސޯޝަލް ސަޕޯޓް ފޯރުކޮށް ދިނުމާ އެކު ދިރިއުޅުމުގެ ހުނަރުތަކާއި ވޮކޭޝަންލް އަދި ސްކިލް ޓްރެއިނިންތައް ފޯރުކޮށް ދިނުމާއި ދީނީ ކަންކަމަށް ހޭލުންތެރިކޮށް ހަރުދަނާ ބަޔަކަށް ހެދުމަށް ހިންގާ ޕްރޮގުރާމްތައް ހިމެނެ އެވެ.

ތިން ވަނަ މަރުހަލާގައި ޕްރޮގްރާމުގެ ބައިވެރިން މުޖްތަމަޢަށް ނެރުމުގެ ކުރިން މުޖުތަމަޢަށް ނެރުމުގައި ހުރި ރިސްކްތައް ދެނެގަތުމަށްޓަކައި ރިސްކް އެސެސްމަންޓްތައް ހަދައި، މުޖުތަމަޢުން ލިބެންހުރި ވަޒީފާގެ ފުރުޞަތުތައް ފަހިކޮށް ދިނުމުގެ މަސައްކަތްތަކާ އެކު ޕެރޯލްގެ ދަށުން މުޖުތަމަޢަށް ނެރުމަށް މަސައްކަތް ކުރެވިގެންދާނެ އެވެ. އަދި ހަތަރު ވަނަ މަރުޙަލާ އަކީ އަފްޓަ ކެއާ ސާވިސް ނުވަތަ ޕްރޮގްރާމްގެ ތެރެއިން މުޖުތަމަޢަށް ނެރޭ ފަރާތްތައް މޮނިޓަރ ކުރާ މަރުހާލާ އެވެ.

މި ޕްރޮގްރާމްގެ ފުރަތަމަ ބެޗް 40 ޤައިދީންނާ އެކީ ބޭއްވީ މި އަހަރުގެ ފެބްރުއަރީ 27 އިން އޮގަަސްޓް 23 އަށެވެ. އޭގައި 232 ގައިދީން ބައިވެރިކުރި އެވެ.