Last Updated: July 27, 18:03
Monday, July 27, 2026
މުނިފޫހިފިލުވުން

ގޯޕީ ބަހޫ ކައިވެނިކޮށްފި

ސްޓާ ޕްލަސްގެ ކުރީގެ މަގުބޫލު ސިލްސިލާ "ސާތު ނިބާނާ ސާތިޔާ" ގައި ގޯޕީ ބަހޫގެ ރޯލު ކުޅުނު ޑެވޮލީނާ ބަޓަޗަރްޖީ ކައިވެނިކޮށްފި އެވެ.

ކަލާޒްގެ ރިއަލިޓީ ޝޯ "ބިގް ބޮސް" ގެ ސީޒަން 13 ގައި ވެސް ވާދަކުރި 37 އަހަރުގެ ބަތަލާ ކައިވެނިކުރީ އަންގާރަ ދުވަހު އެވެ. ކައިވެނީގެ ތައްޔާރީތަކުގެ ފޮޓޯތަކެއް ވެސް ސޯޝަލް މީޑިއާގައި އާންމުކޮށްފައިވެ އެވެ. ނަމަވެސް ޑެވޮލީނާގެ ފިރިމީހާއާ ބެހޭ ގޮތުން އެއްވެސް މައުލޫމާތެއް ހިއްސާކޮށްފައެއް ނުވެ އެވެ. ނަމަވެސް ބައެއް މީޑިއާތަކުން ބުނީ އޭނަ ކައިވެނިކުރީ ކަސްރަތުކުރަން ދާ ޖިމްގެ ޓްރެއިނަރު ޝާހްނަވާޒް ޝައިހާ ކަމަށެވެ.

ޑެވޮލީނާއާ މިހާތަނަށް އެންމެ ބޮޑަށް އަޅުވާކިޔާފައި ވަނީ "ސާތު ނިބާނާ ސާތިޔާ" ގައި ޖިގަރު މޯދީގެ ރޯލު ކުޅުނު ވިޝާލް ސިންގް، 37، އެވެ. ޑެވޮލީނާގެ ކައިވެނީގެ ހަފުލާގައި އޭނަ ވެސް ބައިވެރިވި އެވެ.

ބައެއް މީޑިއާތަކުން ބުނި ގޮތުގައި އާދައިގެ ގޮތަކަށް ކައިވެނީގެ ހަފުލާ ބޭއްވި އިރު، އެ ހަފުލާގައި ބައިވެރިވީ ދެ ފަރާތުގެ އާއިލާ އާއި ގާތް ބައެއް ރައްޓެހިންނެވެ.

ސްޓާ ޕްލަަސް އިން 2012-2017 އަށް ގެނެސްދިން "ސާތު ނިބާނާ ސާތިޔާ" ގެ އިތުރުން އޭގެ 2020-2022 އަށް ގެނެސްދިން އޭގެ ދެވަނަ ސީޒަންގެ ރޯލެއް ވެސް ޑެވޮލީނާ ކުޅެފައިވެ އެވެ. "ބިގް ބޮސް 13" ގެ އިތުރުން އޭނަ އެ ޝޯގެ 14 އާއި 15 ގައި ވެސް ހިއްސާވި އެވެ.