Last Updated: June 24, 00:19
Tuesday, June 23, 2026
ޚަބަރު

ޑްރަގާ ދެކޮޅަށް ކުރެވޭ މަސައްކަތުގެ ނަތީޖާ ފެނޭ

މަސްތުވާތަކެއްޗާ ދެކޮޅަށް ކުރެވެމުން އަންނަ މަސައްކަތްތަކުން މިހާރު ނަތީޖާ ފެންނަމުން ދިޔަ ނަމަވެސް އަދިވެސް މިކަމަށް ހުރި ގޮންޖެހުންތައް ކުޑަ ނޫން ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

މާފުށީ ޖަލުގައި މަސްތުވާތަކެތީގެ މައްސަލަތަކުގައި ތިބި ގައިދީންތަކެއް ރިހިބިލިޓޭޓްކުރަން ފެށި ދެވަނަ ޕްރޮގްރާމްގެ ފެށުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލަ އަކީ ރާއްޖޭގައި ބައި ގަރުނު ވަންދެން ކުރިމަތިލަމުން އައި މައްސަލައެއް ކަމަށެވެ. އަދި މި މައްސަލަ އަކީ ވަރަށް ބޮޑެތި ޗެލެންޖްތައް ގޮންޖެހުންތައް ހުރި މައްސަލައެއް ކަމަށާއި އެކަންކަން ހައްލު ކުރުމަށްޓަކައި ތަފާތު ވިސްނުންތަކާއި ސިޔާސަތުތަކަށް ބަދަލު ގެނެސް މަސައްކަތްތައް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

"ކުރެވޭ ކަންކަމުން ހެޔޮ ނަތީޖާ ނިކުންނަ އިރު ވެސް މިކަމުގެ ޗެލެންޖްތައް އިންތިހާއަށް ބޮޑު. މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް ކުރަން ހުރި މަސައްކަތްތަކުގެ ތެރެއިން އެންމެ މުހިއްމު އެއް މަސައްކަތަކީ މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ފަރާތްތައް ރިހެބިލިޓޭޓްކުރުން." އިމްރާން ވިދާޅުވި އެވެ.

އެގޮތުން ޖަލުގައި ޑްރަގް ރިހެބިލިޓޭޝަން ޕްރޮގްރާމް ފެށިގެން ދިޔުމުން އޭގެ ރަނގަޅު ހެޔޮ އަސަރު މިހާރު ފެންނަ ކަމަށް ވިދާޅުވި އެވެ. އަދި މިކަމަށްޓަކައި ކޮމިޝަނަ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅާއި އޭނަގެ ޓީމްގެ މިންނެތް މަސައްކަތަށް މިނިސްޓަރު ޝުކުރު ވެސް އަދާކުރެއްވި އެވެ.

އެހެންވެ މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (އެމްސީއެސް) ގެ އޮފިސަރުންނަށް މިހާރު ލިބިފައިވާ ތަޖުރިބާއާ އެކީ ކުރިއަށް ވުރެ ރަނގަޅަށް ރިހިބިލިޓޭޝަން ޕްރޮގްރާމްތައް ކުރިއަށް ގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"މަދު މުވައްޒަފުންނާއެކު މަސައްކަތްކުރަން ޖެހުމުން ދިމާވާ ގޮންޖެހުންތައް ހައްލުކުރުމުގެ ގޮތުންނާއި ކަރެކްޝަންސްގެ މަސައްކަތްތައް ރަނގަޅުކުރުމުގެ ގޮތުން 180 އޮފިސަރުންގެ ކޯޓާއެއް ވެސް ސަރުކާރުން މިހާރު ވަނީ ދީފައި،" އިމްރާން ވިދާޅުވި އެވެ. "އޭގެ ތެރެއިން ގިނަ އަދަދެއްގެ އޮފިސަރުން އަންނަނީ ތަމްރީން ވެސް ހޯދަމުން."

އަލަށް ފެށި ރިހިބިލިޓޭޝަން ޕްރޮގްރާމްގެ ބައިވެރިންނަށް އިޝާރާތް ކުރައްވައި މިނިސްޓަރު ވިދާޅުވީ ކުށެއް ކުރުމަށް ފަހު އިސްލާހުވާން ޖެހޭ ކަމަށް ޤަބޫލުކޮށް ތައުބާ ވެސް ވާން ޖެހޭ ކަމަށެވެ. އެގޮތުން ތިމާ ޖަލަށް ވަން އިރު ހުރި މީހާ ނޫން މީހަކަށް އަދި އާ ހަޔާތަކަށް ކުރިމަތިލުމަށް އަމިއްލައަށް ނިންމުމަށް ގައިދިންނަށް ގޮވާލެއްވި އެވެ.

ޑްރަގް ރިހިބިލިޓޭޝަން ޕްރޮގްރާމްގެ އާ ބެޗްގައި 44 ގައިދީއަކު ހިމެނެ އެވެ.