ރާއްޖޭގައި ހިޔާނާތުގެ މައްސަލަތައް އިތުރުވެ، ސްކޫލްތަކުގެ ޓީޗަރުންނަށް ވެސް މިހާރު ޖެހިފައި ވަނީ ވަގު ހިފަން ނުކުންނަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.
ހުޅުމާލޭ ޢާޒީ ސްކޫލްގެ އިދާރީ މުވައްޒައްފެއްގެ މައްޗަށް ކުރެވޭ ކޮރަޕްޝަންގެ ތުހުމަތަކާ ގުޅިގެން ސްކޫލްގެ ޓީޗަރުންތަކެއް ހިމެނޭ ގޮތަށް އެކަމާ ދެކޮޅަށް އިއްޔެ ކުރި އިހުތިޖާޖާ ގުޅިގެން ޕީޕީއެމްގެ ނައިބު ރައީސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސްކޫލެއްގެ ކިޔަވައިދޭން ތިބޭ ޓީޗަރުންނަށް މިއަދު ޖެހިފައި ވަނީ ވިސުލްބުލޯކޮށް ވަގުން ހިފަން ނިކުންނަން ކަމަށެވެ.
"ގައުމެއްގެ ޒިންމާ ނަގަން ތިބި ފަރާތްތައް ޚިޔާނާތުގެ މަސްތުގައި ޣާފިލުވެ ޣަރަޤުވީމާ ދެން ފެންނާނީ މުޅި ދަޢުލަތް ފެއިލްވެ ހަމަލަމަ ނެތިދާ ތަން. ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މި މަރާމިލަނީ މި ޤައުމުގެ މުސްތަޤުބަލު." ޝިޔާމް ވިދާޅުވި އެވެ.
ޢާޒީ ސްކޫލްގެ ޓީޗަރުންތަކެއް އިހުތިޖާޖުކުރީ ކޮރަޕްޝަނުގެ ތުހުމަތުކުރެވޭ މުވައްޒަފަށް އެޑިއުކޭޝަން މިނިސްޓްރީން އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާތީ އެވެ. ނަމަވެސް އިއްޔެގެ އިހުތިޖާޖާ ގުޅިގެން މިނިސްޓްރީން ބުނީ ކޮރަޕްޝަންގެ ތުހުމަތުކުރެވޭ އެ ސްކޫލުގެ އެޑްމިނިސްޓްރޭޓަރުގެ މަގާމުގައި ހުރި، އައިޝަތު ޝިޔާޒާގެ މައްސަލަ ބަލައި އެކަށީގެންވާ ފިޔަވަޅު އަޅާނެ ކަމަށެވެ.
މިނިސްޓްރީން ނެރުނު ބަޔާނއްގައި ބުނީ ޝިޔާޒާއަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން މިނިސްޓްރީން އިންޓާނަލް އޮޑިޓެއް ހަދައިފައިވާ ކަމަށެވެ. އަދި ފައިސާ ހަރަދުކުރުމުގައި މާލިއްޔަތު ގަވައިދާ ހިލާފަށް އަމަލުކޮށްފައިވާކަން ފާހަގަވުމުން، އެކަން ބަލަން ވެސް އިދާރީ ތަހުގީގެއް ކުރިއަށް ގެންދާ ކަމަށެވެ.
އެގޮތުން މިހާރު އެ ކަމުގައި ޝާމިލުވި ހުރިހާ މުވައްޒަފުންނާ މެދު އިސްލާހީ ފިޔަވަޅު އެޅުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.