Last Updated: June 24, 00:19
Tuesday, June 23, 2026
ޚަބަރު

ކުޑަގިރި އަށް މުވައްޒަފުން ނަގަނީ

ޕިކްނިކް އައިލޭންޑެއްގެ ގޮތުގައި ތަރައްގީކޮށް ހުޅުވަން ތައްޔާރުވަމުން އަންނަ ކުޑަގިރި އަށް މުވައްޒަފުން ނަގަން ނިންމައިފި އެވެ.

މާލެ ސަރަހައްދުގެ ރައްޔިތުން ދަތުރު ދާން ހާއްސަކޮށްގެން ހިއްކައިގެން ތަރައްގީކުރި އެ ރަށުގެ އެކި ވަޒީފާތަކަށް މީހުން ނަގަން އޯޕަން ޑޭއެއް އަންނަ ހޮނިހިރު ދުވަހު އޮންނާނެ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުންޏެވެ. އެގޮތުން އެ ދުވަހުގެ ހެނދުނު 9:00 އިން މެންދުރު ފަހު 3:00 އާ ހަމައަށް އެ ކުންފުނީގެ ހެޑް އޮފީހުގައި އޯޕަން ޑޭ ކުރިއަށް ދާނެ އެވެ.

ކުޑަގިރި އަށް 17 ދާއިރާއަކުން މުވައްޒަފުން ނަގަން ހަމަޖެހިފައިވެ އެވެ. އަދި މަގާމުތަކުގެ މުސާރަތައް އުޅެނީ 8،500-23،500ރ. އާ ދެމެދުގަ އެވެ.

ކުޑަގިރި މި މަހު ހުޅުވަން ތައްޔާރީތައް ވަމުން ދިޔަ ނަމަވެސް ހުޅުވާނެ ރަސްމީ ތާރީހެއް އަދިވެސް އިއުލާނެއް ނުކުރެ އެވެ. ޕިކްނިކް އައިލޭންޑަކުން ލިބޭނެ މައިގަނޑު ހުރިހާ ވަސީލަތްތަކެއް ގާއިމުކޮށް، އެތައް ހިދުމަތެއް ލިބޭ ގޮތަށް ތަރައްގީކޮށްފައިވާ މި ރަށަކީ ލޯންޗެއްގައި މާލޭން ފުރައިގެން 15 މިނިޓްގައި ދެވޭ ހިސާބުގައި އޮތް ރަށެކެވެ.

"ކުޑަގިރި" ތަރައްގީކުރަނީ ސަރުކާރުގެ ފަސް ކުންފުންޏެއް ގުޅިގެންނެވެ. އެއީ އެމްޓީސީ އާއި އެޗްޑީސީ އާއި އެމްޑަބްލިއެސްސީ އާއި ފެނަކަގެ އިތުރުން ސްޓެލްކޯ އެވެ.