މަރާލާފައިވާ މީހުންނާއި، ގެއްލުވައިލާފައިވާ މީހުންގެ މައްސަލަތައް ތަޙުޤީގުކުރާ ރިޔާސީ ކޮމިޝަނުން ބެލި މައްސަލަތަކުގެ ރިޕޯޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އެރުވުމަށް ތައްޔާރުވެއްޖެއެވެ.
"އައްޑޫލައިވް"އަށް އެނގިފައިވާ ގޮތުގައި މަރު ކޮމިޝަނުން ބެލި މައްސަލަތަކުގެ ރިޕޯޓު މިއަދު ރައީސުލްޖުމްހޫރިއްޔާއަށް އެރުވުމަށްވަނީ ހަމަޖެހިފައެވެ.
ވެރިކަމުގެ ހުވާ ކުރެއްވިގޮތަށް ރައީސް ސޯލިހް އުފެއްދެވި ރިޔާސީ ކޮމިޝަންތަކުގެ ތެރޭގައިހިމެނޭ މަރު ކޮމިޝަނުންވަނީ ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުވާލި މައްސަލައާއި ބްލޮގަރު ޔާމީން ރަޝީދު މަރާލި މައްސަލަ އަދި ކުރީގެ މަޖިލިސް މެމްބަރު ޑރ. އަފްރާޝިމް އަލީ މަރާލި މައްސަލަ ތަހުގީގު ކޮށްފައެވެ.
މަރު ކޮމިޝަނުގެ ރިޕޯޓު ރައީސް ސޯލިހަށް އެރުވިނަމަވެސް އެ ރިޕޯޓު އާންމު ކުރާނެކަން ނުވަތަ ނޫންކަމުގެ މައުލޫމާތު ލިބިފައެއްނުވެއެވެ.
ނޫސްވެރިޔާ އަހްމަދު ރިލްވާން ގެއްލުވާލާ ބްލޮގަރު ޔާމީން ރަޝީދު އަނިޔާވެރިކޮށް މަރާލި މައްސަލައިގައި މިފަހުން ވަނީ ތިން މީހަކު ހައްޔަރުކޮށް ދައުވާވެސް އުފުލާފައެވެ. އެ މައްސަލާގައި ދައުވާކޮށްފައިވަނީ މިދިޔަ ޖޫން މަހުގެ ތެރޭގައި ހައްޔަރުކުރި އަހުމަދު މުއާޒް (ގަޓު މުއާ) އާއި އިސްމާއިލް އަބްދުއްރަހީމް (އިސޫ) އަދި އަހުމަދު އިސްމާއިލް (އަހަނދު) އަށެވެ.
އެގޮތުން އިސޫގެ މައްޗަށް އުފުލާފައިވަނީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް އެހީތެރިވެދިނުމުގެ ކުށުގެ ދައުވާ އާއި ޓެރަރިޒަމްގެ އަމަލެއް ކުރުމަށް އެހީތެރިވެދިނުމުގެ ކުށުގެ ދައުވާ އެވެ. އަދި ގަޓު މުއާގެ މައްޗަށް އުފުލާފައިވަނީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދައުވާ ކަމަށްވާއިރު އަހަނދުގެ މައްޗަށް ދެ ދައުވާއެއް އުފުލާފައިވެ އެވެ. އެއީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދައުވާ އާއި ޓެރަރިޒަމްގެ އަމަލެއް ކުރުމަށް އެހީތެރިވެދިނުމުގެ ކުށުގެ ދައުވާ އެވެ.