Last Updated: July 27, 18:03
Monday, July 27, 2026
މުނިފޫހިފިލުވުން

"ޕަތާން" އާ ދެކޮޅު ހަރަކާތްތަކެއް

އަންނަ މަހު ރިލީޒްކުރާ ޝާހްރުކް ޚާނާއި ދީޕިކާ ޕަދްކޯންފެ ފިލްމު "ޕަތާން" ގެ ފުރަތަމަ ލަވަ އާންމުކުރުމާ އެކީ އެ ފިލްމާ ދެކޮޅަށް އިންޑިއާގެ އެކި ހިސާބުތަކުގައި ހަރަކާތްތަކެއް ހިންގަން ފަށައިފި އެވެ.

ޓްވިޓާގައި ވެސް ފިލްމު ބޮއިކޮޓްކުރަން ގޮވާލަމުން ގޮސްފައިވާ އިރު، މިހާރު އެންމެ ބޮޑު މައްސަލައަކަށްވެގެން އުޅެނީ މި މަހުގެ 12 ގައި ރިލީޒްކުރި ފިލްމުގެ ފުރަތަމަ ލަވަ "ބޭޝަރަމް ރަންގު" ގައި ދީޕިކާ ބޭނުންކޮށްފައިވާ ހެދުންތަކުގެ ނިވާކަން ކުޑަވުމާއި އެ ލަވައިގެ ނެށުންތަކުގައި ވެސް "ބަލަން ހެޔޮނުވާ ވަރު" ގެ މަންޒަރުތަކެއް ހިމެނޭ ކަމަށް ބުނެ އެވެ.

އެގޮތުން އިއްޔެ މަދިއަ ޕްރަދޭޝްގެ ހޯމް މިނިސްޓަރު ނަރޯތަމް މިޝްރާ ވަނީ ދީޕިކާގެ ހެދުންތަކުގެ ނިވާކަން ކުޑަކަމުން، އެއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވެ، އެކަން އިސްލާހު ކުރަން "ޕަތާން" އުފެއްދި ސްޓޫޑިއޯ، ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އަށް ވެސް ގޮވާލައިފި އެވެ. މިނިސްޓަރު ވިދާޅުވީ "ބޭޝަރަމް ރަންގް" ގައި ފެންނަ ފަދަ މަންޒަރުތަކާ އެކީ "ޕަތާން" މަދިއަ ޕްރަދޭޝްގައި ރިލީޒްކުރަން ފުރުސަތު ނުދޭނެ ކަމަށެވެ.

މަދިއަ ޕްރަދޭޝްގެ އިތުރުން މިހާރު އެ ފިލްމާ ދެކޮޅަށް އިންޑިއާގެ ބައެއް އެހެން ހިސާބުތަކުގެ ވާތު ފިޔައިގެ ގްރޫޕްތަކުން ވެސް މަގުތަކަށް ނުކުމެ ޝާހްރުކާއި ދީޕިކާގެ ފޮޓޯތަކެއް އަންދައި "ޕަތާން" ބޮއިކޮޓްކުރަން ދަނީ ގޮވައިލަމުންނެވެ. އެގޮތުން ވީރު ޝިވާޖީ ކިޔާ ހިންދޫންގެ ޖަމާއަތަކުން ބުނެފައި ވަނީ "ބޭޝަރަމް ރަންގް" ލަވަ އަކީ ހިންދޫންގެ އާދަކާދަތަކާއި ސަގާފަތަށް ކުޑައިމީސްކޮށް، ބަރަހަނާވުމަށް ހިތްވަރު ދީފައިވާ ލަވައެއް ކަމަށެވެ.

ސިދާތު އާނަންދު ޑައިރެކްޓްކޮށްފައިވާ "ޕަތާން" އާ ދެކޮޅު ހަރަކާތްތަކެއް ފެށުނު އިރު، މި ފިލްމު ސިނަމާތަކަށް ގެންނަން އޮތީ އަންނަ މަހުގެ 25 ގަ އެވެ.